ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޟްހާ އީދުގެ ފޯރި ނަގަމުންދާއިރު، ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމެވެ. މި މަންޒަރުތަކަށްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ދިވެހި ރައްޔިތުންގެ ހައްޤުޤައި މި އުފާވެރި އީދުގައިވެސް ބުރަކޮށް މަސައްކަތްކުރާ ދިވެހި ފުލުހުންނާއި ސިފައިންގެ މަސައްކަތްތަކެވެ.
އަޟްހާ އީދާ ދިމާކޮށް އެކި ރަށްރަށަށް މީހުން ދަތުރުފަތުރު ކުރަމުންދިޔައިރު، މަގުމައްޗާއި ގޯތިގެދޮރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ދިޔައީ ދުރާލާ ތައްޔާރީތައް ވަމުންނެވެ. އާންމުންގެ ގޯތިގެދޮރާއި މުދާ ރައްކާތެރި ކުރުމަށް "ފާރަވެރިއެއްގެ" ގޮތުން ފުލުހުން ދަނީ ކެނޑިނޭޅި މަގުތަކުގައި ޕެޓްރޯލްކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މަގުމަތީގެ ޓްރެފިކް ޤަވާއިދުތަކުން ފެށިގެން ގޮސް، އާންމު އިޖުތިމާއީ މިންގަނޑުން ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބެލިއަސް ފުލުހުން ދަނީ އީދެއް ނުވަތަ އެނޫންވެސް މުނާސަބަތެއް ބެލުމެއް ނެތި ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
#EidAlAdha ge ufalugai, miadhu #MaafannuPolice North Harbor gai alhaafaiva ulhandhu thakuge kappinnaai falhuverinnah Eid bandhaai gulhigen rakkaatheri kamah elhidhaane fiyavalhu thakaai beheygothun mauloomath dhee, Eid hadhiya ves bahaafaivey.
— Maldives Police (@PoliceMv) August 12, 2019
Rakkaave thibiyya dhathureh! ☺️ pic.twitter.com/FRJknWHQMx
އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އުފާވެރި މަންޒަރެއްގެ ވާހަކަ މިލިޔުމުގައި ހިއްސާކޮށްލާނަމެވެ.
ފުލުހުންގެ ޤައުމީ ވާޖިބު އަދާ ކުރަމުންވެސް މި އުފާވެރި އަޟްހާ އީދާ ދިމާކޮށް މިވަނި ރައްޔިތުންނާއި ގުޅުން ބަދަހިކޮށް ރައްޔިތުންގެ ލޯބި ހޯދުމަށްވެސް ކަންތައްތަކެއް ކޮށްފައެވެ. ކުރިން ފުލުހެކޭ ބުނުމުން މުގުރާއި ޕެޕަރސްޕްރޭ ސިފަވާކަމަށް މީހުން ބުނި ނަމަވެސް މިހާރު އެމަންޒަރުވެސް ބަދަލުވަމުން އަންނަތަން ދަނީ ފެންނަމުންނެވެ. ފުލުހުންވެސް ބުރަކޮށް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަމުން މި ފެންނަނީ އަޟްހާ އީދާ ގުޅިގެން ކުޑަކުދިންނާއި އާންމުންނަށް އީދު ހަދިޔާ ބަހާ މަންޒަރެވެ. ފިޔަވައްޗަށް ޒިޔާރަތްކޮށް "ޕޮލިސް ބޭބެ" އާއި ދައްތައަކީ ކިހާ އެކުވެރި ، ކުޑަކުދިންނާވެސް ގުޅޭ "ބޭބެ"އެއްކަން އެކުދިންނަށްވެސް އިހުސާސްކޮށްދެމުންނެވެ. މިއީ ހަޤީޤަތުގައިވެސް އީދުގެ އުފަލަށް އިތުރު އުފާވެރިކަމެއް ގެނެސްދޭ ކަމެއްކަން ޤައިމެވެ.
 
                    ދެންވެސް ދައްކަން އޮތީ ފުލުހުންނެކޭ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށް، ދިވެހިންގެ ޚިދުމަތުގައި ދެމިތިބޭ ދިވެހި ސިފައިންގެ ވާހަކައެވެ. އީދާ ދިމާކޮށް މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ އެމްއެންޑީއެފުން ދިޔައީ ދުރާލާ ތައްޔާރީތައް ވަމުންނެވެ. ފެންކުޅިކުޅެ ކުލަޖެހުމުގެ ހަރަކާތްތައް އީދާ ދިމާކޮށް އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު، އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ގަދަ ވިއްސާރައިގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ސިފައިން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
It is Eid holidays for all of us but @MNDF_Official is at work. #Salute #Respect #Appreciate 🙏🇲🇻 pic.twitter.com/lW8S2Ldh5b
— Mariya Didi 🎈 (@MariyaDidi) August 11, 2019
އޭގެ އިތުރުންވެސް ކަނޑުމަތީގެ ހާދިސާއެއް ދިމާވި ނަމަވެސް، ރަށެއްގައި ފެންބޮޑުވި ނަމަވެސް ނުވަތަ ހާލުގައި ޖެހިފައިވާ ބަލި މީހަކު އެމަރޖެންސީގައި މާލެ ގެންނަން ޖެހުނު ނަމަވެސް ދިވެހި ސިފައިންވެސް ދަނީ "އީދެއްނެތި" ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
 
                    ވުމާއެކު، ދިވެހިން އުފަލާއި މަޖަލުގައި އަމިއްލަ އާއިލާތަކާއެކު އީދުގެ އުފާވެރިކަން ހާސިލު ކުރަމުންދާއިރު، ދިވެހި ފުލުހުންނާއި ސިފައިންގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށްލުން ކިހިނެއްވާނެތޯއެވެ؟ ވަކި ދުވަހަކަށް ވަކި މުނާސަބަތަކަށް ބެލުމެއް ނެތި ދިވެހި ސިފައިންނާއި ފުލުހުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ހަޤީޤަތުގައިވެސް ތައުރީފު ހައްޤު ނޫންތޯއެވެ؟ ތިޔަ ކުރައްވާ އަގުހުރި މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން އައްސަރިބަހާ ސާބަހެވެ.
 
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
