ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ސުޕްރީމްކޯޓަށް ހާޒިރު ކުރި ވަގުތު, ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއަޅާފާ ވުމުން އެކަން ހިނގާ ދިޔަ ގޮތް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
މީޑިއާ ކައުންސިލުން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ދިރާސާ ކުރުމަށް ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށް އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފާ ވާކަމަށެވެ.
ބަޔާނުގައި މީޑިއާ ކައުންސިލުން އިތުރަށް ބުނީ ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލާ ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަކީ ގާނޫނީ ގޮތުން ކައުންސިލްގެ ޒިންމާއެއް ކަމުގައެވެ.
އޮގަސްޓް ހަ ވަނަ ދުވަހު ރާއްޖޭޓީވީގެ ކެމެރާމަން ވީޑިއޯ ކުރަން އުޅުމުން އެކަން ހުއްޓުވާ ފުލުހުން ވަނީ ވީޑިއޯ ކުރުމުގެ ހުއްދަނުދީ އޭނާގެ މަސައްކަތައް ހުރަސްއަޅާފައެވެ. މިކަމުގެ ޝަކުވާ ރާއްޖެޓީވީ އިން ވަނީ މީޑިއާ ކައުންސިލަށް ހުށައަޅާފައެވެ. ރާއްޖެޓީވީގެ އިތުރުން އެވަގުތު އެތަނަށް ދިޔަ އެހެން މީޑިއާތަކަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.