ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިޕާސް އޮޕަރޭޝަންއެއް (ކާޑިއަކް ސާރޖަރީ) ކުރި ހޮސްޕިޓަލަށް ކަމަށްވާ އޭޑިކޭ ހޮސްޕިޓަލަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ޒިޔާރަތް ކުރައްވައިފިއެވެ.
ރާއްޖޭގައި މިހާތަނަށް ކުރި ފުރަތަމަ ބައިޕާސް އޮޕަރޭޝަން އޭޑީކޭއިން ކާމިޔާބު ކަމާއެކުގައި ކޮށްފައިވަނީ ނިމިދިޔަ އަހަރުގެ އޯގަސްޓު މަހުގައެވެ. އެގޮތުން އެކަން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ ބައިވެރިވެ ވަޑައިގެންފައިވާއިރު، މިނިސްޓަރ ވަނީ ކާޑިއަކް ޓީމުގެ ޑޮކްޓަރުންނާއި މުވައްޒަފުންނާ ބައްދަލު ކުރައްވާފައެވެ.
އޭގެ އިތުރުން މިނިސްޓަރ ވަނީ ކާޑިއަކް ޓީމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވެސް ބައްލަވާލައްވާފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ކުރި ހިތުގެ ބައިޕާސް އޮޕަރޭޝަން ކޮށްފައިވަނީ މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އުމުރުން 54 އަހަރުގެ ފިރިހެނަކަށެވެ. އެގޮތުން އުމުރުން 54 އަހަރުގެ އެމީހާ އޭޑީކޭ ހޮސްޕިޓަލަށް އޭރު ގެންދެވުނީ އެންޖިއޯގްރާމެއް ހެދުމަށް ކަމަށާއި، ނަމަވެސް އޭނާގެ ބައިޕާސް އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން އޮޕަރޭޝަން ކުރީ ކަމަށް ކަރެކްޝަނަލް ސާރްވިސް އިން ވަނީ ބުނެފައެވެ.
ބައިޕާސް އޮޕަރޭޝަން އަކީ ހިތް ހުއްޓުމުގެ ނުރައްކާ ކުރިމަތިވެފައިވާ މީހުން ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކުން ނާރުތައް ނަގައި ހިތުގެ ނާރުތައް ބަދަލުކޮށް ކުރެވޭ އޮޕަރޭޝަނެކެވެ.