މިހާރު ނޫހުން އިންތިޒާމުކޮށްގެން ދިވެހި ކުޅިވަރު ކުރިއަރުވާ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ދެމުން އަންނަ "މިހާރު އެވޯޑްސް"ގެ 2019 ވަނަ އަހަރުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި މި ހަފްލާގައި ދިވެހިރާއްޖޭގެ ކުޅުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައި.އޯ.އައި.ޖީގައި ހޯދި ކާމިޔާބީއާ އެ ކުޅިވަރު މުބާރާތް، 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމުގެ އުފާ ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ މިހާރު އެވޯޑްސްގައި ހަ ކުޅިވަރަކުން، ތަފާތު ގިންތިތަކުން ވަނަތައް ހޮވައި ކުޅުންތެރިންނަށް އެވޯޑް ދީފައިވެއެވެ.
މިގޮތުން 2018 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އަލީ އަޝްފާގް (ދަގަނޑޭ) ހާސިލްކޮށްފާވާއިރު މި އެވޯޑް އޭނާ އަށް އެރުވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފްލާގައި އަލްމަރްހޫމް ސައްޔިދު ހަސަން، ކުޅިވަރުގެ އެކި ރޮނގުތަކުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމަރްހޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
އޫރިދޫއާއި އެލައިޑް އިންޝުއަރެންސްގެ ފަރާތުން އައި.އޯ.އައި.ޖީ.ގެ މެޑަލިސްޓުންނަށް ހާއްސަ އިނާމެއް މި ހަފްލާގައި ވަނީ ހަވާލުކޮށްފައިވެއެވެ. މީގެއިތުރުން މި ހަފްލާގައި 2018 ވަނަ އަހަރު ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ދިވެހިރާއްޖެ ކާމިޔާބު ކޮށްފައިވާތީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ އަގު ވަޒަންކޮށް ގައުމީ ފުޓްބޯޅަ ޓީމަށް ވެސް އެވޯޑް ދެއްވާފައިވެއެވެ.
ދިވެހި ކުޅިވަރަށް އޮލިމްޕިކްސް ކޮމިޓީގެ ކުރީގެ ރައީސް އަލްމަރްހޫމް ޒާހިރު ނަސީރު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ ހަނދާނީ ޝަރަފެއްގެ ގޮތުން އެމަނިކުފާނުގެ ހަނދާނުގައހާއްސަ އެވޯރޑެއް ހޯމަ ދުވަހުގެ ހަފްލާގައި ވަނީ ދީފައެވެ.
މި އެވޯޑް ހަފްލާގައި ސަރުކާރުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ކުޅުންތެރިން، ކޯޗުން، ޓެކްނިކަލް އޮފިޝަލުން، ރެފްރީން، ކުޅިވަރު ނޫސްވެރިން އަދި ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.