އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތް ލިބުމުގައި ދިމާވި މައްސަލަތައް ހައްލު ކުރެވިފައިވާ ކަމަށް އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާސަންދައިގެ ޚިދުމަތަށް ބުރޫ އަރާފައިވަނީ ޓްރިވެންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން ޚިދުމަތް ފޯރުކޮށްދެމުން ދިޔަ ތާޑް-ޕާޓީ އެޑްމިނިސްޓަރޭޓަރ (ޓީޕީއޭ), މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އިތުރު އިޝާރާތެއް ނެތި ޚިދުމަތް އިތުރަށް ކުރިއަށް ނުގެންދާނެ ވާހަކަ އެންގުމުން ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން އާސަންދައގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ތާޑް ޕާޓީ އެޑްމިނިސްޓަރޭޓަރ އަކީ އަބީޖާން ނަމަކަށް ކިޔާ އެޖެންސީއެއް. އެ އެޖެންސީން ކުރާ މަސައްކަތަކީ ރާއްޖެއިން ފޮނުވާ ލިޔެކިޔުންތައް އެ ގްރޫޕް މެދުވެރިކޮށް ހޮސްޕިޓަލް ތަކަށް ފޮނުވުން. އަނެއްކާ ހޮސްޕިޓަލްތަކުން ފޮނުވާ ލިޔުންތައް އާސަންދައަށް ފޮނުވުން."އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު
މިހާރު އާސަންދައިގެ ހިދުމަތް ދެމުން އަންނަ ތާރޑް-ޕާޓީ އެޖެންސީ އަކީ އަބީޖާން ކިޔާ ކުންފުންޏެކެވެ. ރަޝީދު ވިދާޅުވިގޮތުގައި ޖުލައި 1 ވަނަ ދުވަހު އެ ކުންފުންޏާއެކުވެފައިވާ އެއްބަސްވުން 3 މަސް ދުވަހުގެ ތެރޭގައި އުވާލާނެކަމަށް އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.
އަބީޖާން އިން ކުރަމުންދާ މަސައްކަތަށް އާސަންދައިން ކޮންމެ އިންވޮއިސް އެއްގެ 7.5% ދޭން ޖެހޭ ކަމަށާއި ދައުލަތުން ކުރަމުންދާ ޚަރަދުތައް ވެސް ކުޑަކުރަންޖެހޭ ކަން އެނާ ފާހަގަކުރެއްވިއެވެ.
ރަޝީދު ވިދާޅުވީ އޮކްޓޯބަރު 01 އިން ފެށިގެން އާސަންދަ ކުނފުނިން ހޮސްޕިޓަލް ތަކާއިއެކު ޚިދުމަތްތައް ތާރޑް-ޕާޓީ އެޑްމިނިސްޓްރޭޓަރ އެއް މެދުވެރިނުކޮށް ދިނުމަށް ހަމަޖައްސަފައިވާ ކަމަށެވެ. އަދި ޚިދުމަތް ލިބުމުގައި ދަތިތައް ދިމާވި ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރިވެންޑްރަމްގައި ހުންނަ އާނާންތްޕޫރީ، ޗައިތަންޔާ، އާރު.ސީ.ސީ، ކިމް ހޮސްޕިޓަލް އަދި ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުން މިހާރު ޚިދުމަތް ފުރިހަމައަށް ލިބޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ މިހާރުވެސް ބެންގަލޫރު ހޮސްޕިޓަލްތަކުގައި އާސަންދައިގެ ޚިދުމަތް ދެމުން ގެންދަނީ އާސަންދަ ކޮމްޕެނީން ކަމަށެވެ.
ބޭރުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތް ދިނުމުގައި އިދާރީ ގުޅުންތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބޭސްފަރުވާގައި މިވަގުތު ތިއްބެވި ފަރާތްތަތަކަށް ދިމާވި ދަތިތަކަށް ޓަކައި ކުންފުނީގެ ފަރާތުން ނިހާޔަތަށް ވަނީ މަޢާފަށް އެދިފައެވެ.
ޚިދުމަތުގެ ދަތިތައް ދިމާވާ ފަރާތްތަކުން 24 ގަޑިއުރު ހުޅުވިފައި ހުންނަ އާސަންދަ ކޯލް ސެންޓަރ 1400 ނަމްބަރާއި ގުޅުމަށް ވަނީ އެދިފައެވެ.