ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ބުރާސްފަތި ދުވަހު ފެއްޓެވި ދަތުރުފުޅުގައި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށާއި، އަފީފުއްދީން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގެ އިސްވެރިންނާ ބައަދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ހުކުރުދުވަހު ހެނދުނު ވަކި ވަކިން އޮތް މި ތިން ޒިޔާރަތުގައި ސްކޫލްތަކުގެ އިސްވެރިން ވަނީ އެ ސްކޫލްތައް ހިންގުމުގައި ހުރި ކަންބޮޑުވުންތަކާއި، ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ނައިބް ރައީސް އާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން، ޖަލާލުއްދީން ސްކޫލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މިހާރު ސްކޫލުން އެންމެ ބޮޑަށް އެދެނީ ސްކޫލްގެ މުސްތަޤްބަލަށް ވިސްނަވައި ހަރުދަނާ ޕްލޭނެއްގެ ދަށުން ސަރުކާރުން ގޮތްތަކެއްރޭވުމާއި ޓީޗަރުންނަށް ބޭނުންވާ ތަމްރީނުތައް ލިބޭނެމަގު ތަނަވަސްކޮށް ދެއްވުން ހިމެނެއެވެ. އަދި އެ ސްކޫލަކީ ޖާގަ އޮތް ސްކޫލެއް ނަމަވެސް އެންމެ އެދެވޭ ގޮތަށް ވަޞީލަތްތަކުގެ ބޭނުން ހިފޭނެ ފަދަ ގޮތަކަށް ކަންކަން ރާއްވަވައިދެއްވައި ސްކޫލާއި ޖެހިގެން އޮންނަ ހުސް ބިމަކީ ދަރިވަރުން ކުޅިވަރު ކުޅުމަށް ބޭނުން ކުރެވޭނެ ތަނަކަށް ހައްދަވައިދެއްވުމަށް ނައިބު ރައީސްގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއެކު ނައިބް ރައީސް ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސްކޫލް ޢިމާރާތް ބާވުމާ ގުޅިގެން ޢިމާރާތުގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ސްލޫލްގެ ދުރު ރާސްތާ ޕްލޭނެއް ނެތުމުން ސްކޫލްގެ ކުރިމަގާ މެދު ކަންބޮޑުވާކަމުގައި ވެސް ސްކޫލްގެ އިސްވެރިން ފާހަގަކުރެއްވިއެވެ. ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު ސްކޫލްގެ އިމާރާތުގެ ޖާގައިގެ ދަތިކަން އިހުސާސްކުރަން ޖެހިފައިވާ މައްސަލައެވެ. މީގެ އިތުރުން ތަޢުލީމީ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒަށް ދިމާވެފައިވާ އެހެނިހެން ބައެއް ކަންކަންވެސް ނައިބު ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ.
އަފީފުއްދީން ސްކޫލަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި މިހާރު ސްކޫލަށް ދިމާވެފައިވާ ގޮންޖެހުންތައް ސްކޫލްގެ އިސްވެރިން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، 2017 ވަނަ އަހަރު ސްކޫލަށް އާ ޢިމާރާތެއް ލިބުނު ނަމަވެސް ވިއްސާރައިގައި ކްލާސްރޫމްތަކަށް ފެން ވިއްސާއިރު ތަށިމުށި ޖަހާފައިހުރުމުން ކުދިންނަށް ނުރައްކަލާއި ކުރިމަތިވާކަމުގައި ހާމަކުރެއްވިއެވެ. އަދި ސްކޫލާ ވަރަށް ގާތުގައި ކުނިކޮށި ހުރުމުން އެކަމުގެ ނޭދެވޭ އަސަރު ސްކޫލަށް ވަރަށް ބޮޑަށް ކުރާކަމުގައި އިސްވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ތަކުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާ އަކީ މި ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާކަމަށާއި، ރައްޔިތުންގެ މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނަށް ދިމާވެފައިވާ މައްސލަތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ތިން ސްކޫލްގެ އިސްވެރިންނާއި ކައުންސިލާ އަދި އެދާއިރާގެ މެންބަރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ރަށުގެ ސްކޫލްތަކުގެ ހުރި މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.