ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 12:31
ޕީއެލްސީން ކުރިން ހިންގި މައުލޫމާތު ދިނުމުގެ ސެސަނެއްގެ ތެރެއިން
ޕީއެލްސީން ކުރިން ހިންގި މައުލޫމާތު ދިނުމުގެ ސެސަނެއްގެ ތެރެއިން
ޕަބްލިކް އިންޓެރެސްޓް ލޯ ސެންޓަރ
އައްޑޫގައި ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގަނީ
ހަރަކާތް ކުރިއަށް ގެންދަނީ ޕީއައިއެލްސީ އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ގުޅިގެން
މިއީ މިފަދަ ހަރަކާތެއް ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރު
ހަރަކާތް ކުރިއަށް ދާނީ ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް

އާންމު ރައްޔިތުން ގާނޫނީ ގޮތުން ހޭލުންތެރި ކުރުވުމަށާއި މުޖުތަމައުގައި ހަވާސާގައި ތިބޭ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އާންމު ރައްޔިތުން ގާނޫނީ ގޮތުން ބާރުވެރި ކުރުވުމުގެ މަގުސަދުގައި ޕަބްލިކް އިންޓެރެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ) އިން އައްޑޫ ސިޓީގައި، މޯބައިލް އެއިޑް ކްލިނިކެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ހެލްތް ސެންޓަރާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެންނެވެ. އަދި މި ޕްރޮގްރާމް ހިންގުމަށްޓަކައި 14 ގާނޫނީ ވަކީލުންނާއި މަދަނީ ޖަމިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން ވަކީލަކު ބައިވެރިވާނެއެވެ.

ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގައި ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދާނީ ޕަބްލިކް އިންޓެރެސްޓް ލޯ (ޕީއައިއެލްސީ) ގެ ރައީސް މަރިޔަމް ޝުނާނާގެ އިތުރުން އެ ސެންޓަރުގެ ނައިބު ރައީސް އަހުމަދު ޝައްފާން މުހައްމަދު އާއި ބޯޑު މެމްބަރު އަބްދުﷲ ނާހިދެވެ.

ޕީއައިއެލްސީގެ ފަރާތުން ބުނީ މޯބައިލް އެއިޑް ކްލިނިކަކީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިލޭ ސާބަހަށް ގާނޫނީ ވަކީލުކަން ފޯރު ކޮށްދިނުމަށާއި އާންމު މަސްލަހަތާ ގުޅޭ ކަންކަމުގައި ހިލޭ ސާބަހަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އަތޮޅު އެ ފަރާތްތަކަށް ގާނޫނަށް ހޭލުންތެރި ކުރުވުމަށްޓަކައި ބޭއްވިގެންދާ ހަރަކާތެއް ކަމަށެވެ.

އިޖްތިމާއީ ރައްކާތެރިކަން ހޯދުމަށްޓަކައި ދައުލަތުގެ އެކި އެކި އިދާރާތަކުން ފުރަންޖެހޭ ފޯމުތައް ފުރުމުގައި މި ކްލިނިކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކަނިވެރި މައިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށްވެސް އެފަދަ ފޯމުތައް ފުރުމަށް މި ކްލިނިކުގެ ތެރެއިން އެހީތރިވެދޭނެއެވެ.

ހިލޭ ސާބަހަށް އާންމުންނަށް ލަފާ ދިނުމުގެ ހަރަކާތަކީ މި ޕްރޮޖެކްޓުގެ ދެވަނަ ބައެއްގެ ގޮތުން ކަމަށާއި އެ ހަރަކާތް އަމާޒުވެގެންދާނީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުންނާއި އެނޫންވެސް ސަބަބަކާއިހުރެ ގާނޫނީ އެހީތެރިކަން ހޯދުން ދަތިވެފައިވާ ފަރާތްތަކައް ކަމަށް ޕީއައިއެލްސީން ބުނެފައިވެއެވެ.

ރާއްޖޭގެ ގާނޫނީ ނިޒާމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ހިންގާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު 20:00 ން 22:00 އަށް ޝަރަފުއްދީނު ސްކޫލުގައި ކަމަށާއި ރައްޔިތުންނަށް ގާނޫނީ ލަފާ ދިނުމުގެ ޕްރޮގްރާމްގެ ފުރަތަމަ ދަންފަޅި ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން 12:00 އަށް ސ. އަތޮޅުގެ ހުޅުމީދޫ މަދަރުސާގައި ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޝުނާނާ ވިދާޅުވިއެވެ. އަދި ހަމަ އެދުވަހު 14:00 ން 18:00 އަށް ޝަރަފުއްދީން ސްކޫލުގައި ދެވަނަ ދަންފަޅި ބޭއްވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއީ މިފަދަ ހަރަކާތެއް ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރެވެ. އަދި މި ޕްރޮގްރާމުގައި އެހީތެރިކަން ފޯރުކޮށްދެނީ ހަމައެކަނި މަދަނީ މައްސަލަތަކުގައެވެ.

- ކޮމެންޓް