މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލަކީ އެމީހަކަށް ދަސްވެފައި ހުރި އެއްޗެއް އެހެން މީހަކަށް އުނގަންނައިދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ހދ. ނޮޅިވަރަންފަރު ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް އެ ސްކޫލުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ނޮޅިވަރަންފަރު ރައްޔިތުން ތަޢުލީމަށް ދޭ ސަމާލުކަމާއި އަހައްމިއްޔަތުކަން ފެނިގެން ހިނގައްޖެކަމަށާއި، ނޮޅިވަރަމަކީ ތަޢުލީމު ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ނޮޅިވަރަންފަރު ސްކޫލް ފާހަގަކުރެވެނީ ވޭތުވެދިޔަ އަހަރުތަކުގައި ރަން ވަނަ ތަކެއް ޙާޞިލްކުރި ދަރިވަރުންތަކެއް އުފެދުނު ސްކޫލެއްގެގޮތުގައި ކަމަށާއި، އެކަމުން ދޭހަވަނީ ރަނގަޅު ނަތީޖާ ޙާޞިލްކުރެވެނީ ވަރަށް ގިނަ ބަޔަކު އެއް އަމާޒަކަށް އެކުގައި މަސައްކަތްކޮށްގެން ކަމުގައި ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ތަޢުލީމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޚާއްޞަ ސަމާލުކަމެއް ދެއްވާ ދާއިރާއެއްކަމަށާއި، މިސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ތަޢުލީމު ކުރިއެރުވުމަށް ކުރަމުންދާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ތަޢުލީމަކީ ހަމައެކަނި ކްލާސްރޫމް ތެރެއިން ދެވޭ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން، ތަޢުލީމު އުނގަންނައިދިނުމުގެ ހަޤީޤީ މަޤްޞަދު ޙާޞިލްވާނީ ދިރިއުޅުމުގެ މައިދާނަށް ނުކުތުމަށް ކުދިންނަށް އުނގަންނައިދީގެން ކަމުގައިވެސް ނައިބްރައީސް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ނައިބުރައީސް ވަނީ ޚިދުމަތުގެ ރަން ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި ނޮޅިވަރަންފަރު ސްކޫލުގެ ފަރާތުން އަލަށް ތަޢާރަފް ކުރި އެދުރުކަލޭފާނު ހަނދާނީ ފިލާ ސްކޫލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެރުއްވާފައެވެ
މިރޭގެ ރަސްމިއްޔާތުގައި 2020 ވަނަ އަހަރުން ފެށިގެން ނޮޅިވަރަންފަރު ސްކޫލްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސްކޫލްގެ ރަސްމީ ޔުނީފޯމް އިފްތިތާޙްކޮށް، ސްކޫލްގެ އަހަރީދުވަހާއި ގުޅުވައިގެން އާ ލަވައެއް ވެސް ވަނީ ތަޢާރަފްކޮށްފައެވެ.