1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީގެ މައްސަލައިގައި އެކަނިވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހުގެ ކާނިވަލު ސަރަހައްދުގައި "ނުވިއެއްނު" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓަވާ ކަމަށް ބުނާ ސަރުކާރެއް ނަމަ ލުތުފީގެ މައްސަލައިގަ އެކަނިވެސް މިހާރު އޮތް ސަރުކާރުން ސަރުކާރު ދޫކޮށްލައްވަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ނާތަހުޒީބު ގައުމުތަކަށް ބަލާކަމަށްވީ ނަމަވެސް ސަރުކާރުގެ އެންމެ އިސް ފަރާތްތައް ހިމެނޭ ގޮތަށް މިފަދަ ބޮޑު ޖަރީމާއެއް ހިންގައިފިނަމަ ރައްޔިތުން އެ ސަރުކާރު ބަލައި ނުގަންނާނެ ކަމަށެވެ.
ޑިމޮކްރަޓިކް އުސޫލުތަކަށް ބަލާ ކަމުގައިވާނަމަ ރައީސް ސޯލިހުގެ ސަރުކާރަށް ވައުދު ފުއްދިފައި ނުވާކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ޒިންމާދާރު ކަމާއެކީ ލުތުފީގެ މައްސަލައަށް ޖަވާބުދާރީ ވާނެ ކަމަށް ރައީސް ސޯލިހުގެ ސަރުކާރުން ބުނި ނަމަވެސް އެކަން އެގޮތަށް ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލި ހަމަލާގެ ފަހަތުގައި ލުތުފީ އިސްކޮށް ހުރުމާއި ގުޅިގެން އޭނާ މަރަން ހުކުމްކުރިއެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާއަށް ފޮނުވުމުން ލުތުފީ ފިލީއެވެ. އަދި ޔާމީންގެ ފަސް އަހަރުވީ ސަރުކާރުގައިވެސް އޭނާ އަނބުރާ ރާއްޖެ ގެނެސް ހައްގު އަދަބު ދިނުމަށް މާ ބޮޑު ކަމެއް ކޮށްފައެއް ނުވެއެވެ.
ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ގޮތަށް، ލުތުފީ ރާއްޖެ ގެނެސްފައިވަނީ އެމަނިކުފާނުގެ ސަރުކާރުންނެވެ.