Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 07:39
ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 5 މީހުން
ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 5 މީހުން
ޕޮލިސް
މަސްތުވާތަކެތި
ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ މައުލޫމާތު އާންމުކޮށްފި
ހައްޔަރުކުރީ ހިތަދޫ 3 މީހުންނާއި، ހޯރަފުށީ 2 މީހުން
އެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި
އެއީ ކުށުގެ ރިކޯޑް އޮންނަ 5 މީހުން

މާލެއިން ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ މައުލޫމާތު އާންމުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސާއި އަޕަރ ނޯތު ޕޮލިސް ޑިވިޜަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަ ކިލޯ އަށްވުރެގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންނަކީ ތަފާތު އެކިކުށުގެ ރިކޯޑް އޮންނަ މީހުންނެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކިފަހަރު މަތިން މީގެ ކުރިން ވެސް އެމީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 33 އަހަރުގެ 2 މީހުންގެ އިތުރުން 43 އަހަރުގެ މީހެކެވެ. މި ފަސް މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ 3 މީހުންނާއި، ހއ. ހޯރަފުއްޓަށް ނިސްބަތްވާ 2 މީހުންނެވެ.

މީގެތެރެއިން މަސްތުވާތަކެތީގެ 8 މައްސަލައަކާއި ޖަމާއަތް ހަދައިގެން ރޭޕްކުރުމާއި، ބަދުއަހުލާގީ އަމަލު ހިންގުމާއި، ގުރޫޕްހަދައިގެން މާރާމާރީ ހިންގުމުގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވެގެން ސ.ހިތަދޫ ފިނިހިޔާގޭ އަބްދުﷲ އިބްރާހީމްއަކީ ފުލުހުންގެ ހައްޔަރުކޮށްފައިވާ މީހެކެވެ. ހަމަ މިމައްސަލާގައި ހައްޔަރުކޮށްފައިވާ ސ.ހިތަދޫ ހުދުވެލި އަލީ ހަސަނަކީ ވެސް މަސްތުވާތަކެތީގެ 8 މައްސަލައަކާއި މާރާމާރީއާއި ގަސްތުގައި މީހެއްގެ މުދަލަށް ގެއްލުންދީގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި ސ.ހިތަދޫ، ޕޫލްބަހާރު، މުޙައްމަދު ފައިސަލްއަކީ މަސްތުވާތަކެތީގެ 2 މައްސަލައަކާ، ގުރޫޕްހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައާއި، ގަވާއިދާ ހިލާފްވެގެން ހައްޔަރުކޮށްފައިވާ މީހެކެވެ.

Advertisement

މީގެ އިތުރުން މިމައްސަލައިގައި ހައްޔަރުކުރި ހއ.ހޯރަފުށީ ރަންމުލި، އަޙްމަދު ރައޫފަކީ މަސްތުވާތަކެތީގެ މައްސަލައަކާއި، އަމުރަށް ނުކިޔަމަންތެރިވެގެންނާއި، ވައްކަމުގެ 3 މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. މީގެ އިތުރުން މިމައްސަލާގައި ހއ.ހޯރަފުށީ، އާރޯ، އަޙުމަދު މަމްދޫހަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން ގޮވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުލައި 30 ވަނަ ދުވަހު މިމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ހަތަރު ރަބަރު ގަނޑު ފެނިފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް