Advertisement
ކ. މާލެ
|
31 ޖުލައި 2019 | ބުދަ 08:26
ތެޔޮ ޓޭންކަރަކަށް ހަމަލާދީފަ
ތެޔޮ ޓޭންކަރަކަށް ހަމަލާދީފަ
އެމެރިކާ
ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރާ ކަނޑުގެ ލަޝްކަރުގައި ބައިވެރިވުމަށް އެމެރިކާއިން ޖަރުމަނަށް ގޮވާލައިފި
އެ ލަޝްކަރުގައި ބައިވެރިވުމާމެދު ޖަރުމަނު ސަރުކާރުން އަދި ގޮތެއް ނުނިންމާ ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވޭ
އީރާނުންވަނީ އެ ލަޝްކަރަކީ އެގައުމާ ދެކޮޅަށް ހިންގާ އަސްކަރީ އަމަލެއްގެ ގޮތުގައި ބަލަންޖެހިދާނެ ކަމަށް ބުނެ އިންޒާރުދީފަ
މިކަންކަން ކުރިމަތިވީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރިގޮތެއްގައި އެމެރިކާ ވަކިވުމުން

ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރުމަށް އިނގިރޭސިވިލާތް އިސްވެ އޮވެގެން އެކުލަވާލާ ކަނޑުގެ ލަޝްކަރުގައި ބައިވެރިވުމަށް އެމެރިކާއިން ޖަރުމަނު ސަރުކާރަށް އިލްތިމާސް ކޮށްފިއެވެ.

ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރުމަށާއި ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން އިނގިރޭސިވިލާތް އިސްވެ އޮވެގެން އެކުލަވާލާ ކަނޑުގެ ލަޝްކަރުގައި ޖަރުމަނު ބައިވެރިވުމަށް އެދި ރަސްމީ ސިފައެއްގައި އެމެރިކާ ސަރުކާރުން ޖަރުމަނު ސަރުކާރަށް ހުށަހަޅާފައި ވާކަމަށް ބާލިންގައި ހުންނަ އެމެރިކާގެ އެންބަސީގެ ތަރުޖަމާން ތަމާރާ ސްޓިއަންބާގްއާ ހަވާލާދީ ޑީޕީއޭ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

މިކަމަށް އެމެރިކާއިން އެދިފައިވާއިރު އެ ލަޝްކަރުގައި ބައިވެރިވުމާމެދު ޖަރުމަނު ސަރުކާރުން އަދި ގޮތެއް ނުނިންމާ ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ހައިކޯމާސް ވިދާޅުވެފައިވެއެވެ.

ހައިކޯމާސް ވަނީ އީރާނަށް ބިރު ދައްކައި ގެންނާއި ފިއްތުންތައް ކުރިމަތިކޮށްގެން އެމެރިކާގެ އަމުރުތަކަށް ބޯލަނބަން އީރާނަށް މަޖްބޫރުކޮށް އެމެރިކާ ގެންގުޅޭ ހަރުކަށި ސްޓްރެޓެޖީ އަށް ޖަރުމަނުން ދެކޮޅު ހަދާކަމަށް ވިދާޅުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

Advertisement

އީރާނުންވަނީ އިނގިރޭސިވިލާތް އިސްވެ އޮވެގެން އެކުލަވާލާ ކަނޑުގެ ލަޝްކަރަކީ އެގައުމާ ދެކޮޅަށް ހިންގާ އަސްކަރީ އަމަލެއްގެ ގޮތުގައި ބަލަންޖެހިދާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އެގޮތުން، އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ގަލްފުގެ އަމަނާއި ސުލްހަ ބަލަހައްޓާނީ އެގައުމާއި އަރަބި ގައުމުތަކުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ގަލްފަށް މިފަދަ ކަންކަން ކުރިމަތިވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދުވަސްވަރު އެމެރިކާއިން ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރިގޮތެއްގައި އެމެރިކާ ވަކިވެ އީރާން އިނދަޖައްސާލުމަށްޓަކައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައި އަސްކަރީ ގޮތުން ބިރު ދެއްކުމުގެ ސްޓްރެޓެޖީ އެއް ޓްރަމްޕްގެ ސަރުކާރުން ގެންގުޅެން ފެށުމުން ކަމަށް ވެސް ރޫހާނީ ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރުމުގެ ކަންތައް މިހާރު ކުރަންޖެހޭނީ ގަލްފުގެ ތެލަށް ބަރޯސާވާ ޔޫރަޕްގެ ގައުމުތަކާއި ޗައިނާއާއި ޖަޕާން ފަދަ ގައުމުންތަކުގެ އިތުރުން ސައޫދީ އާއި ޔޫއޭއީން ކަމުގައެވެ.

އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވާނަމަ އެއްވެސް ގައުމަކަށް ހުރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރު ކުރުމުގެ ފުރްސަތު ނުދޭނެ ކަމަށާ ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން އީރާނުގެ ތެލުގެ ޝިޕްމަންޓްތައް ހުއްޓުވައިފިނަމަ ހުރްމުޒް ކަނޑުއޮޅިން އެހެން ގައުމުތަކުގެ ތެޔޮ ބޭރު ކުރުމުގެ ފުރުސަތު ނުދޭނެކަމަށް އީރާނުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް