Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 22:23
ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް އިމާރާތް
ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް އިމާރާތް
ރާއްޖެއެމްވީ
ސިވިލް ކޯޓު
ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލް އިން ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ކޯޓު އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް ބީއެމްއެލުން އެދުނު
ހައިކޯޓުގެ އަމުރަށް ފަހު ވެސް ބީއެމްއެލުން މައުލޫމާތު ދިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލައިފިއެވެ.

ބީއެމްއެލުން ކޯޓުގައި އެދިފައިވަނީ ކޮމިޝަނުން އެދޭ މައުލޫމާތު ނުދޭ މުއައްޒަފުންނާއި މެދު ފިޔަވަޅު ނޭޅުމަށް އަމުރެއް ނެރެދިނުމަށާއި ކޯޓު އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ ކުރިން ތަހުގީގު އިދާރާތަކަށް ބީއެމްއެލުން އެއްބާރުލުން ދިން ނަމަވެސް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ބޭންކުން ވަނީ ތަހުގީގީ އިދާރާތަކުން ބޭނުންވާ މައުލޫމާތު ދެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ނިންމާފައެވެ. ބީއެމްއެލުން ބުނީ މައުލޫމާތު ނުދިނުމަށް ކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާއި ހައިކޯޓުން މިއަހަރު ނެރެފައިވާ ގަޒިއްޔާއަކާއި ހަވާލާދީ ކަމަށެވެ.

މި މައްސަލާގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަދުއްހުލް ވެފައި ވާއިރު އެ ކޮމިޝަންގެ ވަކީލު ސޮއްފަތު އަލީ ވިދާޅުވީ ހައިކޯޓުގެ ހުކުމްގެ ފަހުން ވެސް އެ ބޭންކުން މައްސަލަތަކުގެ މައުލޫމާތު ފޯރު ކޮށްދީފައިވާ ކަމަށެވެ. އަދި އެހުކުމުގެ ސަބަބުން އެހެން ބޭންކުތަކުން ވެސް ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރަހެއް ނެތް ކަމަށެވެ.

Advertisement

ބޭންކުން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުން ހުއްޓާލާފައިވާކަމަށް ވިދާޅުވެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މީގެ ކުރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވީ ތަހުގީގީ އިދާރާއަކުން އެކައުންޓެއްގެ މައުލޫމާތު ހޯދުމަށް އެދުމުން ބޭންކުން އަބަދުވެސް ކަންތައް ކުރާ އުސޫލަކީ ގާނޫނީ ލަފާ ހޯދުން ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މައުލޫމާތު ދޭން އެދުމުން ވެސް އެގޮތަށް ކަންތައް ކުރެއްވި ކަމަށާއި ބޭންކުގެ ގާނޫނީ ޓީމުން ލަފާ ދިނީ ކޯޓު އަމުރެއް ނެތި އެގޮތަށް މައުލޫމާތު ދެވެން ނެތްކަމަށެވެ. އަދި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހައިކޯޓުން މިއަހަރު ނެރުނު ގަޒިއްޔާއާއި ހަވާލާދީ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުން އެ ބުނާ ގަޒިއްޔާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލައިގައި މިއަހަރުގެ މާޗް މަހުގެ 31 ގައި ނެރެފައިވާ ހުކުމެވެ.ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 އަދި 73 ވަނަ މާއްދާގައި ބަޔާން ކުރާ އިޖުރާއަތުތަކާއި ޚިލާފަށްކަމަށް ވާތީ އެއަމުރަކީ ބާތިލް އަމުރެއްކަމަށެވެ. އަދި ކަސްޓަމަރެއްގެ މައުލޫމާތު ދެވޭނީ ކޯޓު އަމުރެއް ލިބިގެން ކަމަށް އެ ހުކުމުގައި ވެއެވެ.

އެމައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލާފައި ވާއިރު މައްސަލަ ބައްލަވާ އިސް ގާޒީ ވިދާޅުވީ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކަމަށެވެ. އަދި ހުކުމް ކުރުން އަންނަ މަހުގެ ހަތްވަނަ ދުވަހު ނުވަތަ އީދު ބަންދަށް ފަހު ކަމަށް އިސް ގާޒީ އިއުލާން ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް