މަރު ސާބިތު ކުރުމުގެ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ހާއްސަ މަސައްކަތެއް ފަށައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މަރު ސާބިތު ކުރުމުގެ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މަރުވުމަށް ދިމާވާ ސަބަބު ބަޔާންކޮށް މަރު ސާބިތުކުރުމާއި ބެހޭ ތަމްރީން ޕްރޮގްރާމެއް 27 އަދި 28 ޖުލައިގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ މިޕްރޮގްރާމުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ 80 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެފައިވާ ކަމަށެވެ.
މިތަމްރީނުގެ މައިގަނޑު މަގުސަދަކީ ބައިވެރިންނަށް މަރު ސާބިތުކުރުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއި އެއްގޮތަށް މަރު ސާބިތުކުރުމާއި މި މަސައްކަތް މޮނީޓަރ ކުރާނެ ގޮތާއި ބެހޭ ގޮތުން ތަމްރީން ދިނުން ކަމަށެވެ. އަދި މި ތަމްރީނުތައް ދެއްވީ ދުނިޔޭގެ ސިހއްހަތު ޖަމިއްޔާގެ ފަރާތުން ކަނޑައަޅުއްވާފައިވާ މިދާއިރާގެ މާހިރުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ހެލްތް މިނިސްޓްރީން ބުނީ މިތަމްރީން ޕްރޮގްރާމަށްފަހު، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އަލަށް ވަޒީފާއަށް ނިކުންނަ ޑޮކްޓަރުންނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ޑޮކްޓަރުންވެސް ހާއްސަކުރެވައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ މަރު ސާބިތުކުރުމާ ބެހޭގޮތުން އުސޫލެއްވެސް އެކުލަވާލެވިފައިވާ ކަމަށާއި، ރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލާއި ގުޅިގެން، އަލަށް ތަމްރީން ކުރެވޭ ޑޮކްޓަރުންގެ މުގައްރަރުގައި މި ތަމްރީން ހިމެނުމަށްވެސް ރޭވިފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން ކުރިއަށް މިގެންދެވޭ މަސައްކަތުގެ އަމާޒަކީ މަރު ސާބިތުކުރާ ހިސާބުން ފެށިގެން، ބަލިތައް ކޯޑު ކުރުމާއި ސިއްހީ މައުލޫމާތު ދިރާސާ ކުރުމުގެ ފެންވަރު ރަގަޅު ކުރުމެވެ.