މި އަހަރުގެ މިހާތަނަށް އަފްގާނިސްތާންގެ ސަރުކާރުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އިދިކޮޅު އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި މަރުވި މީހުންނަށްވުރެ ގިނަކަމަށް އެކުވެރި ދައުލަތުން ބުނެފިއެވެ.
އދ އިން ނެރުނު ތަފާސްހިސާބްތައް ދައްކާގޮތުން އަފްގާން ސަރުކާރުންނާ ސަރުކާރަށް ބާރުދޭ ފަރާތްތަކުން ދިން ހަމަލާތަކުގައި އަހަރުގެ މިހާތަނަށް އާންމުންގެ 717 މީހުންވަނީ މަރުވެފައެވެ. މިއީ އިދިކޮޅު ފަރާތްތަކުން ދިން ހަމަލާތަކުގައި މަރުވި 531 އާންމުންނާ އަޅާބަލާއިރު 186 މީހުން ގިނަ އަދަދެކެވެ.
އަފްގާނު ސަރުކާރަށް ބާރުދޭ އެމެރިކާގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކުގައި އަހަރުގެ މިހާތަނަށް 89 ކުޑަ ކުދިންނާއެކު ޖުމްލަ 363 މީހުން މަރުވެފައި ވާކަމަށް އދ. ގެ ތަފާސްހިސާބުތައް ދައްކައެވެ.
އެމެރިކާއިން ދަނީ ހަމަލާތައް ކުރިއަށް ގެންދަމުން ތާލިބާނާއެކު އެއްބަސް ވުމަކަށް އައުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. ގަތަރުގައި ކުރިއަށް ގެންދާ މަޝްވަރާތަކުގައި މިއަހަރުގެ ސެޕްޓެމްބަރު މަހަށް އެއްބަސްވުމަކާ ހަމައަށް އައުމަށް އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް ތާލިބާނުންވަނީ އެމެރިކާ ސިފައިން އަފްގާނުން ފައިބާނެ ދުވަހެއް ޔަގީން ނުވާހާ ހިދަކު އެ ގައުމާއެއްކޮށް އެއްބަސް ވުމަކަށް ނުދާނޭ ކަމަށް ބުނެފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
