ޕާކިސްތާންގެ ރާވަލްޕިންޑީ ގެ އާންމުން ދިރިއުޅޭ ސަރައްހައްދަކަށް އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި 18 މީހުން މަރުވެ ގިނަ އަދަދެއްގެ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިއްޖެއެވެ.
މީހުން ސަލަމާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ މަތިންދާބޯޓުގައި އިން ފަސް ސިފައިންނާ އާންމުންގެ 13 މީހެކެވެ.
ޕާކިސްތާނުގެ އާއިލާއެއް ދިރުއުޅެމުން އައި ގެއަކަށް އެ ގައުމުގެ އަސްކަރިއްޔާގެ ކިންގް އެއަރ 350 ޓަރބޯޕްރޮޕް ވެއްޓުނު އިރުވެސް ބޯޓުގައި ހުޅުހިފާފައިވާކަމަށް މަންޒަރުދުށް މީހަކު މައުލޫމާތުދިނެވެ.
ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދާ ދާދި ކައިރީގައި އޮންނަ ރާވަލްޕިންޑީ އަކީ އެގައުމުގެ އަސްކަރިއްޔާގެ މައި މަރިކަޒު ހުންނަ ސިޓީއެވެ. އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެ މަނިކުފާނުގެ ތައުޒިޔާ ފޮނުވާ ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިންނަވާކަމަށް ވިދާޅުވެފައެވެ.
ހާދިސާގައި ގެންލުން ލިބުނު ގެ ތައް ވަނީ ދިރިނޫޅެވޭނެ ވަރަށް އަނދާ ހުލިވެފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
