Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 22:38
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވުން
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވުން
ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހްކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
މި ރަސްމިއްޔާތުގައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރުވެސް ވަނީ އިފްތިތާހު ކުރައްވާފައި
އޭގެއިތުރުން ''ބީޗް ސްކައުޓް' ވެސް ވަނީ އިފްތިތާހްކޮށްފައި

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހްކޮށްދެއްވައިފި އެވެ.

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހްކޮށްދެއްވީ ދަރުބާރުގޭގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

މިއީ 2020 އިން 2025 އަށް އެކުލަވާލާ މާސްޓަރ ޕެލޭނެކެވެ.

Advertisement

ޓޫރިޒަމް މިނިސްޓްރީން ބުނީ އަލަށް އެކުލަވާލާ ޓޫރިޒަމް މާސްޓަރ ޕްލޭނުގެ ބޭނުމަކީ ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމުގައި ދިވެހި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމާއި، ތަރައްގީކުރުމާއި ދެމެހެއްޓެނެވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް އަދި ދިވެހިރާއްޖޭގައި ހެދިފައިހުރި ޓޫރިޒަމްއާ ބެހޭ ގާނޫނު ތަކާއި ގަވާއިދުތައް ހަރުދަނާކުރުން ކަމަށެވެ. އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމާއި، ފަތުރުވެރިކަމުން ލިބޭ ފައިސާ ދިވެހިރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓޭނެ ގޮތެއް ހޯދައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުންކަމަށެވެ.

އޭގެއިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަންތަން ފަތުރުވެރިކަމުގެ ތެރެއިން ދިރުވައި އާލާކުރުން ކުރެވެން ހުރި ކަންކަން ދެނެގަނެ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަށް އިތުރުކުރުމާއި ބޭނުންވާ ތަމްރީންތައް ދެނެގަތުން އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރުގައި އިޝްތިހާރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުން މި ޕްލޭންގައި ހިމެނިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނިގޮތުގައި ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގެ މައިގަނޑު މަގުސަދަކީ މަޝްވަރާ އާއި ދިރާސާގެ މައްޗައް ބިނާކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގްބަލް ބައްޓަންކުރަން ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމެވެ. މި ސިޔާސަތުތައް ކަނޑައެޅިގެން ދާނީ ދެމެހެއްޓެނެވި ފަތުރުވެރިކަމަށް އަހައްމިއްޔަތު ކަން ދެމުންކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި ރަސްމިއްޔާތުގައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރުވެސް ވަނީ އިފްތިތާހު ކުރައްވާފައެވެ. ސަރުކާރުން ބުނީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރުގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލެއް ހޯދައިދިނުމެވެ. އެގޮތުން އެ ފަރާތްތަކަށް ވަޒީފާގައި ދިމާވާ ގޮންޖެހުންތަކާއި، ތަމްރީނު ބޭނުންވާ ދާއިރަތަށް އެ ދަފްތަރު މެދުވެރިކޮށް ދެނެގަނެވޭނެއެވެ.

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޭގެއިތުރުން ޓޫރިޒަމްގެ ސިނާއަތަށް މެދުވެރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމާއި، އެފަދަ ހާދިސާއެއް މެދުވެރިވެއްޖެ ހިނދެއްގައި ފުރާނަ ސަލާމަތްކުރުމަށް އެކުލަވާލާފައިވާ ''ބީޗް ސްކައުޓް'' އިފްތިތާހުކޮށްފައިވެއެވެ. ''ބީޗް ސްކައުޓް'' އިފްތިތާހްކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

ޓޫރިޒަމް މިނިސްޓްރީ ބުނީ، ''ބީޗް ސްކައުޓް'' ބޭތިއްބުމަށް ނިންމާފައިވަނީ ފަތުރުވެރިކަމާއި ގުޅުންހުރި ހާދިސާތައް ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެކިފަހަރު މަތިން އެފަދަ ހާދިސާތައް ދިމާވާ ރަށްރަށަށް ޒިޔާރަތްކޮށް ހަދާފައިވަ ދިރާސާތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅޭ 19 ރަށަކަށް 50 ''ބީޗް ސްކައުޓުން'' ބޭތިއްބުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އެކުލަވާލި ޓޫރިޒަމްގެ މާސްޓަރ ޕްލޭން އެކުލަވާލާފައި ވަނީ ރައިސް ޔާމީނުގެ ސަރުކާރުގައި 2013 ވަނަ އަހަރުއެވެ. އޭރު ޓޫރިޒަމް މިނިސްޓަރގެ މަގާމުގައި ހުންނެވީ އަހްމަދު އަދީބުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް