ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުރު މިސްރާބު ކަނޑައެޅުމަށް ފަސް އަހަރުގެ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ލޯންޗު ކުރުން ހޯމަ ދުވަހުގެރޭ ދަރުބާރު ގޭގައި އޮންނާނެއެވެ.
އެ ހަފްލާގައި ރައީސުލްޖޫމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވާ އެ ހަފްލާގައި ޓޫރިޒަމްގެ ސިނާއަތަށް މެދުވެރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމާއި، އެފަދަ ހާދިސާއެއް މެދުވެރިވެއްޖެ ހިނދެއްގައި ފުރާނަ ސަލާމަތްކުރުމަށް އެކުލަވާލާފައިވާ ''ބީޗް ސްކައުޓް'' އިފްތިތާހު ކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އިފްތިތާހު ކުރުމުގެ އިތުރުން ފަސް ވަނަ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހު ކުރާނެއެވެ.
ޓޫރިޒަމް މިނިސްޓްރީ ބުނީ، ''ބީޗް ސްކައުޓް'' ބޭތިއްބުމަށް ނިންމާފައިވަނީ ފަތުރުވެރިކަމާއި ގުޅުންހުރި ހާދިސާތައް ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެކިފަހަރު މަތިން އެފަދަ ހާދިސާތައް ދިމާވާ ރަށްރަށަށް ޒިޔާރަތްކޮށް ހަދާފައިވަ ދިރާސާތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅޭ 19 ރަށަކަށް 50 '' ބީޗް ސްކައުޓުން'' ބޭތިއްބުމަށް ވަނީ ހަމަޖެހިފައެވެ.
ދާދި ފަހަކަށް އައިސް ގެނބިގެން ފަތުރުވެރިން މަރުވާ ހަދިސާތައް ދަނީ އިތުރުވަމުންނެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 58 ހާދިސާ އެއް ހިނގައި 38 މީހަކު މަރުވެފައިވެއެވެ. މިދިޔަ އަހަރު 45 ހާދިސާއެއް ހިނގައި 39 މީހަކު މަރުވެފައިވާއިރު، މީގެ ތެރެއިން އެންމެ ގިނައީ ސްނޯރކަލް ކުރުމާއި ޑައިވިންގް އާއި މޫދަށް އެރި އުޅުމުގެ ތެރޭގައި ދިމާވާ ހާދިސާތަކެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރުގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލެއް ހޯދައިދިނުމެވެ. އެގޮތުން އެ ފަރާތްތަކަށް ވަޒީފާގައި ދިމާވާ ގޮންޖެހުންތަކާއި، ތަމްރީނު ބޭނުންވާ ދާއިރަތަށް އެ ދަފްތަރު މެދުވެރިކޮށް ދެނެގަނެވޭނެއެވެ. ދަފްތަރު އެކުލަވާލައި ލޯންޗު ކުރެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރަނީ އަންނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުއެވެ.
ފަތުރުވެރިކަމުން ލިބޭ ފައިސާ ރާއްޖޭގެ އިގްތިސޯދުގައި ހިފެހެއްޓޭން ގޮތްތައް ހޯދާ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަންތަން ފަތުރުވެރިކަމުގެ ތެރެއިން ދިރުވާ އާލާކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ ސިނާއަތު ތަރައްޤީކުރުމަށާއި، އަންހެނުންގެ ޙިއްޞާ މިދާއިރާގައި އިތުރުކުރުމަށް ކުރެވެން ހުރިކަންކަން ދެނެގަތުމަކީ ފަތުރުވެރިކަމުގެ މާސްޓަ ޕްލޭންގައި އަލިއަޅުވާލަން ހަމަޖެހިފައިވާ ކަންތައްތަކެވެ.