ސޫދާންގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މުޒާހަރާ ކުރި މީހުންތަކެއް މަރާލި ކަމުގެ ތުހުމަތު އެ ގައުމުގެ އަސްކަރީ ބާރުގެ އަށް އޮފިސަރެއްގެ މައްޗަށް ކޮށްފިއެވެ.
މި ތުހުމަތު ކޮށްފައިވަނީ، ސޫދާނަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލާ ވެރިރަށް ހަރްތޫމްގެ އިތުރުން އެ ގައުމުގެ އެހެން ހިސާބުތަކުގައި ވެސް ކުރަމުންދާ މުޒާހަރާތަކުގެ ތެރޭގައި ޖޫން މަހުގެ 3 ވަނަ ދުވަހު ކުރި މުޒާހަރާގައި ބައިވެރިވި ބަޔަކު މަރުވުމުން އެކަން ތަހުގީގު ކުރުމަށް ފަހުއެވެ.
އެދުވަހު ހަރްތޫމްގައި ކުރި މުޒާހަރާގައި 87 މީހުން މަރުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފައި ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އިދިކޮޅު އެކްޓިވިސްޓުން ބުނާގޮތުގައި މަރުވި މީހުންގެ އަދަދު 130 އަށް އަރައެވެ.
ސޫދާންގެ ސަރުކާރުން ކުރި ތަހުގީގާއިމެދު ހިތްހަމަ ނުޖެހި އެ ތަހުގީގު ރަނގަޅު ނޫން ކަމަށް ބުނެ އެކްޓިވިސްޓުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. މުޒާހަރާތަކަށް އަދި ނިމުމެއް ނާދެއެވެ.
ޖޫން މަހު ކުރި މުޒާހަރާގައި ބައިވެރިވި ބައެއް މީހުން މަރުވެފައިވަނީ ސޫދާންގެ އަސްކަރީ ބާރުތަކުން ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލުމަށް މުޒާހަރާގެ ތެރެއަށް ބަޑިޖެހުމުން ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
ސޫދާނުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށެއް ހިންގައިފިނަމަ ހުކުމަކީ މަރުގެ އަދަބު ދިނުމެވެ.
ސޫދާނުގެ ކުރީގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރުގެ ވެރިކަން އެފްރީލް މަހު ވައްޓާލުމަށް ފަހު އެ ގައުމުގައި ވެރިކަން ކުރަމުން ގެންދަނީ ސިފައިން އުފައްދާފައިވާ އަސްކަރި މަޖިލީހަކުންނެވެ.