ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގިނަ ގައުމުތަކެއްގެ ސަފީރުންނާ ބައްދަލު ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ޝާހިދުގެ އަރިހަށް ސްވިޒަލޭންޑްގެ ސަފީރު ހަންސްޕީޓާ މޮކް، ލާއޯސްގެ ސަފީރު ބޮއުނެއްމޭ ޗޮއުންގެ ހޮމް، ސާބިއާގެ ސަފީރު ވްލަޑަމީރް މަރިޗްގެ އިތުރުން ސޫދާންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ އައު ނަން ރެނޮންރެޒިޑެންޓް ސަފީރު، އަޙްމަދު ޔޫސިފް މުޙައްމަދު އެލްސިއްދީގް ވަނީ ޒިޔާރަތް ކުރައްވާފައެވެ.
އެލް ސިއްދީގެ ޒިޔާރަތުގައި ރާއްޖެ އާއި ސުދާންއާ ދެމެދު ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އޭގެ އިތުރުން ސީޝެލްސް އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް މރ. ލަމްބަރޓް ބޮން މަގާމަށް އައްޔަން ކުރެއްވިކަމުގެ ރަސްމީ ލިޔުން ވަނީ ބުރާސްފަތި ދުވަހު މިނިސްޓަރ ޝާހިދުއާ ހަވާލުކުރައްވަފައެވެ.
ސީޝެލްސްއާ ދިވެހިރާއްޖެ އާއި ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައިވާ އޮނަރަރީ ކޮންސުލް ސަނަން އަންގުބޮލު ކުލްގެ އިތުރުން ލުބްނާނަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޖެނެރަލް މުޙައްމަދު ޙުސައިން ފާކިހު ވެސް ވަނީ ޝާހިދުއާ ބައްދަލު ކުރައްވާފައެވެ.