Advertisement
ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 18:18
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ މިނިވަން ދުވަސް
ސިޔާސި މަންފާ ލިބިގަތުމަށްޓަކައި މިނިވަންކަމުގެ އިންތަކާއި މިންތައް ހުރަސް ނުކުރުމަށް އިދިކޮޅުން ގޮވާލައިފި
ބޭރުގެ ބާރުގަދަ ނުފޫޒްތަކުން ކުރިމަތި ކުރަމުންދާ އެކި ކަހަލަ ޕްރެޝަރުތަކަށް ދީލާނުލުމަށް ވަނީ ގޮވާލާފައި

ސިޔާސި މަންފާ ލިބިގަތުމަށްޓަކައި މިނިވަން ކަމުގެ އިންތަކާއި މިންތައް ހުރަސް ނުކުރުމަށް ޕްރޮގްރެސިވް ކޮންގެރެސް ކޯލިޝަނުން ގޮވާލާއިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ 54 ވަނަ މިނިވަން ދުވަސް ފާހަގަ ކުރަމުންދާއިރު މިނިވަންކަން ގެއްލިގެންދާފަދަ އިހުސާސްތައް ކުރަން ޖެހުމަކީ ނުރައްކައުތެރި ސިގްނަލެކެއް ކަމަށާއި ކަންބޮޑުވާ ކަމެއް ކަމަށެވެ. ސިޔާސީ މަންފާ ހޯދުމަށްޓަކައި ގައުމުގެ މިނިވަންކަމުގެ އިންތައް ހުރަސްކުރަން ފަށައިފިނަމަ ނޭނގި ތިއްބާ އިސާހިތަކު މިނިވަންކަމުގެ ފޮނި މީރުކަން ނެތިހިނގައިދާނެ ކަމަށެވެ.

ދިވެހި ގައުމު ހިންގަންވާގޮތާއި، ދިވެހި ގައުމުގެ އިގްތިސާދު ބައްޓަން ކުރަންވީ ގޮތާއި، ދިވެހިންގެ ކަންކަން ނިންމަން ވާނީ ހުދު ދިވެހިން ކަމަށާއި މިއީ އެއްވެސް ހާލެއްގައި ބޭރުގެ ނުފޫޒް ގަދަ ގައުމު ތަކަކަކުން ނުވަތަ ބަޔަކު ނިންމަން ޖެހޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ. ދިވެހި ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދޭން މަސައްކަތް ކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް ކުޑަ ނަމަވެސް ބުރުލެއް ނާރާ ފަދައަކުން ކަމަށާއި ނޫންނަމަ އެއީ މި ލޮބުވެތި ގައުމަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެއެވެ.

އެހެންކަމުން ތަފާތު އެކި ސިފަސިފައިގައި ދިވެހިރާއްޖެ މިނިވަން ކަމުގެ ދޮރާށިތަކުގައި ޓަކިޖަހަމުންދާއިރު އަމިއްލަ އެދުމާއި ސިޔާސި މަންފާ ލިބިގަތުމަށްޓަކައި މިނިވަންކަމުގެ އިންތަކާއި މިންތައް ހުރަސް ނުކުރުމަށް ޕްރޮގްރެސިވް ކޮންގެރެސް ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ މެދުގައި އިންސާފާއި ހަމަހަމަކަން ޤާއިމްކޮށް މިނިވަންކަމާއި އެކު ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބޭރުގެ ބާރުގަދަ ނުފޫޒްތަކުން ކުރިމަތި ކުރަމުންދާ އެކި ކަހަލަ ޕްރެޝަރުތަކަށް ދީލާނުލުމަށް އަދުގެ ސަރުކާރަށް ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

މީގެ އިތުރުން މިނިވަން ކަމުގެ ހިޔަލުން އަޅުވެތިކަމުގެ ނާމާން އައްސޭރިއަކަށް ދިވެހި ގައުމު އޮޔާދާފަދަ އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި ނުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ފޮނުވާފައެވެ. އަދި ދިވެހިރާއްޖެއަށް މިނިވަނަކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެވއްވި އެންމެހާ ބަތަލުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ބޭރުގެ ބާރުގަދަ ނުފޫޒްތަކުން ދިވެހިރާއްޖެއަށް ކުރިމަތިކުރަމުން އައި ބޮޑެތި ބިޔަ ރާޅުތަކުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކޮށް، ދިވެހިރާއްޖެ އިގްތިސާދީ އަޅުވެތިކަމުން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ދިވެހިރާއްޖޭގެ ތަރައްޤީގެ ބާނީ ރައީސް އަބްދުﷲ ޔާމީންއަށް ޝުކުރާއި ދުވަހުގެ ތަހުނިޔާ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ފޮނުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް