ބޭރުގެ ގައުމުތަކާއި ރާއްޖެއާ ގުޅުން އޮންނަ މިންވަރަކުން މިނިވަން ކަމަށް އަސަރެއް ނުކުރާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުވި މެެސެޖްގައި ރައީސް ނަޝީދު ވަނީ ރާއްޖެއަށް މިނިވަންކަން ލިބުނު ގޮތަށް އަލިއަޅުވާލައްވާފައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ 1965 އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖޭގައި ފާހަގަކުރާ 54 ވަނަ މިނިވަން ދުވަހެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިހާރު ރާއްޖޭގައި ފާހަގަ ކުރަމުންދަނީ ސިޔާސީ މިނިވަން ކަމެއް ކަމަށާއި، އެއީ އެހެން ގައުމެއްގެ އިސްތިއުމާރު ގައި ދިވެހިރާއްޖެ ނެތްކަން ކަށަވަރުވާ ކަށަވަރު ކަމެއް ކަމަށެވެ. ރާއްޖެއަކީ އދ.ގެ އިތުރުން ބައިނަލް އަގްވާމީ ޖަމާއަތްތަކުގެ މެމްބަރަކަށްވާއިރު ރާއްޖެއަށް ތަރައްގީ އާއި ކުރިއެރުން ލިބޭނީ އެހެން ގައުމުތަކާއި ގުޅިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވީމާ ސަބަބުން އެހެން ގައުމުތަކާއި ގުޅެން ޖެހޭ މިންވަރާއި ގުޅޭ ގުޅުން އެއީ އަޅުގަނޑުމެންގެ މިނިވަންކަން މިނެކިރުމުގައި މިއަދު ބޭނުންކުރާ އަސްލެއް ނޫން ރާއްޖެއަށް ސިޔާސީ މިނަވަންކަން ލިބި އަމިއްލަ ގައުމެއްގެ ގޮތުގައި ރާއްޖެއަށް މަސައްކަތް ކުރުމުގެ ފުރުސަތު މާ ސާފުކޮށް ލިބިފައި. އަޅުގަނޑަށް ޔަގީން ކަށަވަރު ދިވެހިންނެއް އެ ފުރުސަތެއް ކުޑަކޮށްވެސް ގެއްމުވައެއް ނުލާނެ. އަދި ފިރުކީ ދާ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއްވެސް އަޅުގަނޑުމެންގެ ތެރެއަކު ނުގެންގުޅޭނެ.ރައީސް ނަޝީދު ~ މަޖިލީހުގެ ރައީސް ~
1887 ވަނަ އަހަރު ރާއްޖެ އިނގިރޭސިންގެ ހިމާޔަތަށް ދިޔައެވެ. އެންމެ ފުރަތަމަ މިނިވަން ދުވަސް ފާހަގަކޮށްފައި ވަނީ 24 އޭޕްރީލް 1948 ގައެވެ. އެދުވަހަކީ އިނގިރޭސިންގެ ހިމާޔަތުގެ ހެދިފައި އޮތް އެގްރީމެންޓަށް ބަދަލު އައި ދުވަހެކެވެ. އެ ދުވަހުން ފެށިގެން ރާއްޖެއިން އިނގިރޭސިންނަށް ދެމުން އައި ޖިޒީ ކަނޑާލިއެވެ.
1947 ވަނަ އަހަރު ސްރީލަންކާ އަށް މިނިވަންކަން ލިބުމުން އެ ގައުމުގައި ހުންނެވި ގަވަރުނަރަށް ފޮނުވަމުން ގެންދިޔަ ޖިޒީ ލަންޑަނަށް ބަދަލުކުރެވި ޖިޒީ އެއްކޮށް ކަނޑާލެވުނެވެ. އެއިރުގެ ބޮޑު ވަޒީރު އަލް އަމީރު މުހައްމަދު ދޮށީމޭނާ ކިލޭގެފާނު އާއި ހަސަން ފާމުދޭރި ކިލޭގެފާނުއާ ދެބޭފުޅުން ޖިޒީ ކަނޑާލެވުނު އެގްރީމެންޓުގައި ސޮއިކުރެއްވީ ލަންކާގެ ކޮލަމްބޯގައެވެ.