މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ސަސްޕެންޑްކުރި އޮޕަރޭޝަން ކޮމާންޑަރގެ ސަސްޕެންޝަން އުވާލައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ ޖޫން 20 ވަނަ ދުވަހު މާފުށި ޖަލުގައި ހިނގައި ދިޔަ ހާދިސާގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ޖަލު ބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުން ކުރުމާއި ހަތިޔާރު ގެންގުޅުމާ ބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ''ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީ'' އަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ ކޮމެޓީން އެމައްސަލަ ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ހަލާތާ އެކަށީގެން ނުވާ މިންވަރަށް ބާރު ބޭނުންކޮށްފައިވާކަމަށް ފާހަގަކޮށްފައިވާތީ އެކަމުގެ ޒިންމާ އުފުލަންޖެހޭ އޮފިސަރުންނާ މެދު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ފިޔަވަޅު އެޅުމަށްޓަކައި އެގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ވަނީ ފޮނުވިފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.
ކަރެކްޝަނުން ބުނީ މިމައްސަލާގައި ސަސްޕެންޑްކުރެވުނު އޮޕަރޭޝަން ކޮމާންޑަރގެ ސަސްޕެންޝަން ދަމަހައްޓާނެ ތަނެއް ނެތް ކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާތީ އޭނާގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަމާޒަކީ އޮފިސަރުންނާއި މުވައްޒަފުންނަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން އިންސާނީ ހައްގުތަކަށް ހުރުމަތް ތެރިކޮށް ހިތުމާއެކު ކުށުގެ ވެށިން މީހުން ސަލާމަތްކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައަށް މީހުން ނެރުމުގެ ޒިންމާ ފުރިހަމައަށް އުފުލާ ބަޔަކަށް ހެދުން ކަމަށް ކަރެކްޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކަރެކްޝަނުން ބުނީ ތައުލީމާއި ތަމްރީނާއި ހުނަރު ހޯދާ ދީގެން އެކަމަށް ގާބިލް ޒިންމާދާރު ކަރެކްޝަނަލް އޮފިސަރުން ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޖޫން 20 ވަނަ ދުވަހު މާފުށި ޖަލުގައި ހިނގައި ދިޔަ ހާދިސާގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން ބަޔެއް ގައިދީންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.