އޮލިމްޕަސް އަދި ނޭޝަނަލް އާޓް ގެލަރީގެ ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެރޭ ރާއްޖެ ޓީވީގެ ފަލަ ސުރުހީގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ އޮލިމްޕަސް އިމާރާތްވަނީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށާއި އެހެންކަމުން އެ އިމާރާތައް ލިބިފައިހުރި ގެއްލުން މަރާމާތުކުރުމުގެ މަސައްކަތް ވަނީ ފެށިފައިކަމަށެވެ. ހަމައެހެންމެ މިނިސްޓަރ ޔުމްނާ ވިދާޅުވީ އޮލިމްޕަހުގައި ހުރި ޕްރެކްޓިސް ރޫމުތައް ފަންނާނުންނަށް ދޫކުރަން ފަށައިފައިވާ ކަމަށާއި، މިވަގުތު އެތަންހުރި ހާލަތުން އެންމެ އެކަށޭނައީ ނެށުމާއި ޑްރާމާ ފަދަ ކަންކަން ޕްރެކްޓިސް ކުރުމަށް ކަމަށެވެ. މީގެއިތުރުން މިނިސްޓަރ ވަނީ މިއުޒީޝަނުންނަށް ބޭނުންވާގޮތަށް ޕްރެކްޓިސް ރޫމުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ.
އޮލިމްޕަސް ސިނަމާގެ އިތުރުން ނޭޝަނަލް އާޓް ގެލަރީ ތަރައްގީ ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ އާޓް ގެލަރީގެ ރިނޮވޭޝަން މަސައްކަތް ފަށާނެ ކަމަށެވެ. އަދި ހަމައެހެންމެ އާޓްގެލަރީގެ ސެކިއުރެޓީ ވަރުގަދަ ކުރެވިފައިވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ނޭޝަނަލް އާޓް ގެލަރީގައި ގާއިމްކުރަން ނިންމައިފައިވާ ދާއިމީ ކަލެކްޝަންގެ މަސައްކަތް ކުރިޔައްދާކަމަށާއި ތަކެތި އެންމެ ރައްކާތެރި ގޮތުގައި ބެހެއްޓޭނެ އިންތިޒާމު ދަނީ ހަމަޖައްސަމުން ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.