Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 18:09
ގަވަރުނަރު ނަސީރު - ރައްޔިތުންގެ މަޖިލިސް
ގަވަރުނަރު ނަސީރު - ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އެމްއެމްޕީއާރްސީގެ ހިޔާނަތް
އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވި މީހުން ދައުލަތުގެ އިސްމަގާމުތަކުގައި އެބަތިއްބެވި: ނަސީރު
އޭނާގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުވުމަށް ދަނީ މަސައްކަތް ކުރަމުން
ޚިޔާނާތުގެ މައްސަލަ ހިނގާދިޔައީ، ގަވަރުނަރު ކަމުގެ މަގާމާ ހަވާލުވުމުގެ މާކުރިން
ތަހުގީގުކޮށްފިނަމަ ފިޔަވަޅު އެޅޭ މިންވަރުގެ ހެކި ލިބޭނެ

އެމްއެމްޕީއާރްސީ ޚިޔާނާތުގައި އަސްލު ބައިވެރިވި މީހުންގެ އެމްއެމްއޭގެ އިސްމާގުތަކުގައި އަދިވެސް އެބަތިއްބެވި ކަމަށާއި، އެމައްސަލަ ބެލުމުގެ މަސައްކަތް ފެށުމުން އޭނާގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުވުމަށް މަސައްކަތް ކުރާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމުން، އިސްތިއުފާ ދެއްވި އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ނަސީރުގެ ފަރާތުން ނެރުއްވި ނޫސްބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެމްއެމްއޭއިން ކޮށްފައިވާ އަދި ނުކޮށް ދޫކޮށްލާފައިވާ ކަންތައްތަކާ ބެހޭ ގޮތުން މާލީ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި ނުތަނަވަސްކަން އޮތް ކަމަށާއި، އެކަންކަން ރަނގަޅުކޮށް، އެމްއެމްއޭއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުމަށް ކުރަންހުރި މަސައްކަތް ބުރަވެފައި، ބޮޑުކަން، މަގާމާ ހަވާލުވިއިރު ވެސް އެނގޭ ކަމަށެވެ. އަދި އެމަސައްކަތް، އެންމެ ފުރިހަމަ ގޮތުގައި ކޮށް، ދިވެހިރާއްޖޭގެ މާލީ އިދާރާތަކަށް އިތުބާރު ހޯދާދެވުނު ކަމަށް ވެސް މިބަޔާނުގައިބުނެފައިވެއެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓަކީ، އެމްއެމްއޭގެ އެތެރޭގައި އޮންނަ ޔުނިޓެއްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އެޔުނިޓާ ގުޅިގެން ގަވަރުނަރުގެ ޒިންމާތައް، އެންޓި މަނީލޯންޑަރިންގ ޤާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެޔުނިޓުގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، ޤާނޫނުގައި ލާޒިމުކުރާ ރިޕޯޓުތައް ނަހަދައި ލަސްވާނަމަ، އެކަމާ ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަކީ ޤާނޫނީ ގޮތުން ނަސީރަށް ކުރަން ޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތް ކުރީ، ޤާނޫނުގައި އޮތް އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ހިނގައިގެން ދިޔައީ، ނަސީރު އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް އައްޔަންވުމުގެ މާ ކުރިން ކަމަށާއި، އެމައްސަލައިގައި އޭރުގެ ގަވަރުނަރާއި، އެމްއެމްއޭގެ ވެރިންނާއި، ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓުގެ ވެރިން އަމަލު ކޮށްފައިވާ ގޮތަކީ އެންމެ ޒިންމާދާރު ގޮތެއް ނޫންކަން، އޭނާގެ ގަވަރުނަރުކަމުގައި ތައްޔާރުކުރި އެމްއެމްއޭގެ އިންޓަރނަލް ރިވިއު ރިޕޯޓުންނާއި، އެމައްސަލައިގައި ކުރެވިފައިވާ ތަހުގީގުތަކުން ފެންނާނެ ކަމަށެވެ.

މިބަޔާނުގައި ބުނެފައިވަނީ އިންޓަރނަލް އޮޑިޓުން ފެންނަން ހުރި ކަންކަމުގައި ހިމެނޭ ޖިނާއީ މައްސަލަތައް 2019 ވަނަ އަހަރުގެ މާރިޗު މަހު ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ކަމަށާއި، އެމައްސަލަތަކުގައި އިންސާފުވެރި ތަހުގީގެއް ހިންގައިފިނަމަ، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ މިންވަރުގެ ހެކި ލިބޭނެ ކަމަށެވެ.

Advertisement

ނަސީރުގެ ފަރާތުން ނެރުއްވި މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭނާ އެމްއެމްއޭގެ ގަވަރުނަރުކަމާ ޙަވާލުވުމުގެ ކުރިން އެމްއެމްއޭގައި އޮތް ލީޑަރޝިޕު އެގޮތަށް އޮއްވާ، ދައުލަތުގެ ފައިސާގެ ތެރެއިން 1.3 ބިލިއަށް ރުފިޔާ ގެއްލިގެން ގޮސްފައިވާ ކަމަށާއި އެމްއެމްއޭގެ ލީޑަރޝިޕުން، އޭރުގެ ޓުވަރިޒަމް މިނިސްޓަރާ، އާދަޔާ ޚިލާފަށް ގިނައިން ވަކިން ބައްދަލު ކޮށްފައިވާކަން، އެމްއެމްއޭގެ ރެކޯޑުތަކުން ފެންނަން އެބައޮތް ކަމަށެވެ. ނަމަވެސް އެމީސްމީހުން، މިހާރު ވެސް އެމްއެމްއޭގެ އާއި ދައުލަތުގެ އެހެން މަޤާމުތަކުގައި އެބަތިބި ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މިބަޔާނުގައި ބުނެފައިވަނީ އެކަންތައް ހިނގާފައިވަނީ ކިހިނެއް ތޯ ބެލުމަށް ނަސީރު މަސައްކަތް ކުރުމުން، އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރާ ކަމަށާއި، މިޚިޔާނާތުގައި އަސްލު ބައިވެރިވި މީހުންގެ މައްސަލަތައް އަދިވެސް ވަނީ ނުބެލި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ދައުލަތުން ބަލަންޖެހޭ ބެލުންތައް ބަލައި، އެމައްސަލައިގައި ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ މިއަދު ކުރަންޖެހިފައިވާ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި ބަޔާނުގައި ބުނެފައިވަނީ އެމަސައްކަތް ކުރެވެން އަންނަނީ، ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ހޯދައިދީގެން ކަމަށާއި، އެކަން، އެގޮތަށް ނުހިނގާނެކަން ކަށަވަރު ކުރަން ބޭނުންވާ ބަޔަކު، ދައުލަތުގެ ތެރޭގައި އުޅޭ ކަމަށެވެ. އަދި ސިޔާސީ ނުވަތަ އެނޫން ވެސް ބޭނުމެއްގައި، ނަސީރުގެ މައްޗަށް ރަނގަޅު ނޫން ތުހުމަތުތަކެއް ކޮށް، އޭނާއަށް އަމާޒުކޮށްގެން ހިންގާ ކަންތައްތަކެއްގެ ސަބަބުން، ވޭތުވެދިޔަ އަހަރުތަކުގައި އެމްއެމްއޭއަށް ހޯދިފައިވާ ކުރިއެރުންތައް ގެއްލިގެން ދިއުމަކީ އެދޭ ގޮތެއް ނޫން ކަމަށެވެ.

ބަޔާނުގައި ބުނީ ނަސީރުގެ މައްޗަށް ކުރިމަތިކުރާ ތުހުމަތުތަކުގެ ސަބަބުން، އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމުގެ ހައިބަތާއި ޤަދަރަށާއި، އެމްއެމް.އޭއަށް އުނިކަން ލިބުމަކީ އޭނާ އަމިއްލަ ނަފުސަށް ލިބޭ ގެއްލުމަށްވުރެ މާބޮޑު ގެއްލުމެއް ކަމަށެވެ. އެހެންކަމުން، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމުގައި ހުރެގެން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ތާކުންތާކު ނުޖެހޭ ކަންތައްތަކާ ކުރިމަތިލުމުގެ ބަދަލުގައި، އެމަޤާމުން އިސްތިއުފާ ދިނުމަށް ފަހު، އެތުހުމަތުތަކަށް ޖަވާބުދާރީވުން، އެމްއެމްއޭއަށާއި ނަސީރަށް ވެސް މާ ފައިދާ ބޮޑުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 ޖުލައި 2019 | ބުދަ 19:31
ފުތާ ޅަހުއްތު
މިއީ ސަޅި ދިވެހިންނަކީ. މަޤާމަކަށްޓަކައި މުއައްޞަސާ ގުރުބާން ނުކުރާ މީހުން.