ކ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޑީއާރްޕީގެ ލީޑަރަކަށް ހަމަޖައްސަވައިފިއެވެ.
ޖާބިރު ޑީއާރުޕީގެ ލީޑަރުކަމަށް ހަމަޖެއްސެވީ ޕާޓީއަށް ސޮއިކުރެެއްވުމާއެކު އެވެ.
ޑީއާރުޕީން ބުނީ އެޕާޓީގެ ލީޑަރުކަމަށް ޖާބިރު ހަމަޖެހިގެންދިޔައީ އަންގާރަ ދުވަހުގެރޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންކަމަށެވެ.
ޑީއާރްޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވާ ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީއެވެ. އަދި ހިޔާލު ތަފާތުވެ ޕާޓީ ބައިބައިވުމާއެކު އޭރު ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ދުރަށް ޖެހިވަޑައިގަތެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް ޑީއާރްޕީގެ ސިޔާސީ ހަރަކާތްތައް އޮތީ ހުއްޓިފައެވެ.
ނަމަވެސް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޖާބިރު، ޑީއާރުޕީގެ ލީޑަރުކަމާ ހަވާލުވެވަޑައިގެން، ޕާޓީގެ ލީޑަރޝިޕަށް މިގެނައި ބަދަލާ ގުޅިގެން ޕާޓީގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހަމަޖެއްސެވީ ކާނަލް މުހައްމަދު ނަޝީދާއި، މާލެ ސިޓީ ކައުންސިލް މެންބަރު ފިޝާވިން ސަލީމެވެ.
މީގެ އިތުރުން ޑީއާރްޕީގެ ސެކެޓްރީ ޖެނަރަލަކަށް ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހީމް މުއާޒެވެ. އަދި ޑީއާރުޕީގެ ރަޖިސްޓްރާގެ މަގާމަށް ހަމަޖެއްސެވީ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ޖާބިރު ޑީއާރްޕީއާ ގުޅިވަޑައިގަތުމުން މިހާރު އެމަނިކުފާނު ވެވަޑައިގަންނަވާނީ މަޖިލީހުގެ މި ދައުރުގައި ޑީއާރްޕީ ތަމްސީލުކުރައްވާ ފުރަތަމަ މެމްބަރަށެވެ. ޖާބިރު އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގަތުމާއެކު މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.