Advertisement
ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 22:50
މިމަހުގެ 16 ވަނަ ދުވަހު ބީއެމްއެލްގެ ބޯޑު މެމްބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކޮށްފައި
މިމަހުގެ 16 ވަނަ ދުވަހު ބީއެމްއެލްގެ ބޯޑު މެމްބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކޮށްފައި
މަޖިލިސް
ބޭންކް އޮފް މޯލްޑިވްސް
މަޖިލީހަށް ދިނީ ތެދު މައުލޫމާތު:ބީއެމްއެލް
މަޖިލީހަށް ދީފައި ވާނީ ބޭންކުގެ ރިކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތު
ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓަށް އެހެން ބޭންކުތަކުގެ "ނޮން ނެގޯޝިއޭބަލް"ގެ 6 ޗެކެއް ޖަމާވެފައިވޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރާ މައްސަލަ އެ ބޭންކުން ދޮގު ކޮށްފިއެވެ.

(ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މަޖިލީހުން ނިންމާފައިވާކަން ހާމަކުރައްވާފައި ވަނީ އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވިދާޅުވީ ޝަރީފު މަޖިލީހަށް އޮޅުވާލާފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement

އޭގައި ސާފުކޮށް އެބަހުރި ކްރޮސް ޗެކު. އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޮފިޝަލް އެވަނީ މި މަޖިލީހަށް އޮޅުވާލައްވާފަ. އަޅުގަނޑު އިއްޔެ ދެންނެވިން އެމައްސަަލަ އިތުރަށް ބަލާފައި އިތިުރު ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށް. އަޅުގަނޑުމެންދާން ހަޤީޤަތުގައި ވެސް އޮތް ނިންމުމަކީ އެބޭފުޅާގެ މައްސަލަ ބަލާ ތަހުގީގު ކުރުން.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު(އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި)

އެކަމާ ގުޅިގެން ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބޭންކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދީފައި ވާނީ ބޭންކުގެ ރިކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތު ކަމަށެވެ. މަޖިލީހުގެ މެމްބަރުން ކޮމިޓީގައި ކުރެއްވި ސުވާލުތަކަށް ވެސް ބޭންކުގެ ފަރާތުން ޖަވާބު ދީފައި ވަނީ ވެސް އެ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ތެދު މައުލޫމާތު ކަމަށެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޗެކް އިމޭޖިން އެންޑް ޓްރަންކޭޝަން ގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމަޔަށް، ބީއެމްއެލްގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައް ވެސް އަދި ޗެކްތަކުގެ އިމޭޖަކީ ވެސް ބީއެމްއެލްގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫން ކަމަށް ބޭންކުން ވަނީ ބުނެފައެވެ. ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީ ވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުން ކަމަށާއި އެ މައްސަލާގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދުމަށް ބީއެމްއެލުން އެހެން ބޭންކުތަކުގައި އެދިފައިވާ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

އަދި އި މާލިއްޔަތު ކޮމިޓީއަށް މިބޭންކުގެ ފަރާތުން މައުލޫމާތުދީފައިވަނިކޮށް، އެސްއޯއެފް އެކައުންޓަށް އެންޑޯސްކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތަކެއް ސަމާލު ކަމަށް އައުމުން އިތުރަށް ބަލަމުން ދާކަމަށް ވެސް ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓަށް އެހެން ބޭންކުތަކުގެ "ނޮން ނެގޯޝިއޭބަލް"ގެ 6 ޗެކެއް ވަނީ ޖަމާވެފައެވެ. އޭގެ އަގު ހަތް މިލިއަން ދެ ލައްކަ ޑޮލަރަށް އަރައެވެ.

އެމްއެމްޕީއާރުސީ ގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާ ބެހޭ ގޮތުން މި ބޭންކުގެ އިންޓަރނަލް އޮޑިޓުން ކުރިއަށް ގެންދިޔަ ތަހްގީގް ހިންގާފައިވަނީ މި ބޭންކުގައި ހުރި ރެކޯޑްތަކަށް ބަލައިގެންނެވެ. ނޮވެމްބަރު 2016 ގައި ޗެކް އިމޭޖިންގ އެންޑް ޓްރަންކޭޝަން ގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމަޔަށް، މި ބޭންކުގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައްވެސް އަދި ޗެކްތަކުގެ އިމޭޖް އަކީވެސް މި ބޭންކުގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫނެވެ. ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީ ވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުންނެވެ.
ބީއެމްއެލްގެ ބަޔާން

އަންގާރަ ދުވަހު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި، ރައީސް ނަޝީދު ހާމަ ކުރެއްވި މައުލޫމާތުތަކާއި ބޭންކުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖިލީހަށް ހުށަހެޅުނު ސިޓީގައިވާ މައުލޫމާތުތައް މާނަ ކުރުމުގައި ތަފާތު ތަކެއް ހުރިކަން ފާހަގަ ވާކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އަދި މަޖިލީހަށް ފޮނުވި ސިޓީގައި ވެސް އެއްވެސް ވަރަކަށް ބައުންސް ޗެކްތަކެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އަދާކުރާ މުހިންމު މަސްއޫލިއްޔަތުތަކުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަކީ އެ ބޭންކުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް