ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ލިޔެކިޔުންތައް ބަދަލުކޮށްފި އެވެ.
ބީއެމްއެލް އިން އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ނިމި ޝަރީއަތަށް ދިޔައީ ޑިސްޕިއުޓް މަރުހަލާގައި ހައްލެއް ނުލިބުމުންނެވެ.
އެމައްސަލައަކީ އެނގިފައިވާ ގޮތުގައި ބީއެމްއެލުން ކޯޓުގައި އެދިފައިވަނީ ކޮމިޝަނުން އެދޭ މައުލޫމާތު ނުދޭ މުއައްޒަފުންނާއި މެދު ފިޔަވަޅު ނޭޅުމަށް އަމުރެއް ނެރެދިނުމަށާއި ކޯޓު އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީ ތެރެއިން ހިންގާފައިވާއިރު އޭގެ އެއްވެސް ފައިސާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެ ޚިޔާނާތުގައި ބީއެމްއެލް އިން އިހުމާލުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އެ ބޭންކުން ވަނީ އިންކާރު ކޮށްފައެވެ. އާދަޔާ ޚިލާފު މުއާމަލާތެއް ކުރާ ކަމުގައިވާނަމަ އެކަން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ (އެފްއައިޔޫގެ) ސަމާލު ކަމަށް އަބަދުވެސް ގެންނަ ކަމަށާއި އެސްއޯއެފްގެ މުއާމަލާތް ސަމާލު ކަމަށް ގެނެސްފައިވާނީ ހަމައެކަނި އެޔުނިޓަށް ކަމަށް ބޭންކުން ވަނީ އަންގާރަ ދުވަހު އޮތް ކޮމިޓީގައި ބުނެފައެވެ. ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ގާނޫނުތަކާއި ގަވައިދުތަކާއި ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ބޭންކުން ބުނެއެވެ.
މީގެ ކުރިން ތަހުގީގު އިދާރާތަކަށް ބީއެމްއެލުން އެއްބާރުލުން ދިން ނަމަވެސް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ބޭންކުން ވަނީ ތަހުގީގީ އިދާރާތަކުން ބޭނުންވާ މައުލޫމާތު ދެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ނިންމާފައެވެ. ބީއެމްއެލުން ބުނީ މައުލޫމާތު ނުދިނުމަށް ކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާއި ހައިކޯޓުން މިއަހަރު ނެރެފައިވާ ގަޒިއްޔާއަކާއި ހަވާލާދީ ކަމަށެވެ.
ބޭންކުން މައުލޫމާތު ދޭން ހުއްޓާލުމުން އެންޓި-ކަރަޕްޝަން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި އަންގާރަ ދުވަހު ވިދާޅުވީ އެގޮތަށް ބޭންކުން ހުއްޓާލުމުން ބަލަމުންދާ ކަރަޕްޝަންގެ މައްސަލަތަކުގައި ކުރިއަށް ދާން ބޮޑެތި ގޮންޖެހުންތަކާއި ދިމާވެފައިވާ ކަމަށެވެ.
މި މައްސަލައިގެ ލިޔެކިޔުންތައް ބަދަލު ކޮށްފައިވަނީ ހޯމަ ދުވަހު އެވެ. ބެލެވޭ ގޮތުގައި މައްސަލައިގެ ޝަރީއަތް މި ހަފްތާ ތެރޭގައި ފަށާނެއެވެ.