އަފްގާން ސަރުކާރުން ދިން ހަމަލާއެއްގައި ކުޑަ ކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް ހަތް މީހުން މަރުވެއްޖެއެވެ.
ޕްރޮވިންޝަލް އޮފިސަރު މައުލޫމާތު ދިން ގޮތުގައި އަފްގާނިސްތާންގެ ވެރިރަށް ކާބުލްގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ލޮގާރް ޕްރޮވިންސްގައި އުޅޭ ތާލިބާން ހަނގުރާމަވެރިންނަށް ސަރުކާރުގެ ސިފައިން ހޯމަ ދުވަހު ދިން ހަމަލާގައި ރައްޔިތުންތަކަކަށް އޮޅިގެން ހަމަލާ ރައްދުކުރެވިފައިވާ ކަމަށެވެ.
އަފްގާނިސްތާންގެ ސަރުކާރާ ތާލިބާން ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ދެފަރާތުން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ގިނަ ހަމަލާތައް ރައްދުކުރަމުންނެވެ. އެމެރިކާ އާއި އަފްގާންގެ މަންދޫބުން ތާލިބާނާއެކު ގަތަރުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދާއިރު އަފްގާން ސަރުކާރުން ވަނީ އެމެރިކާގެ އެހީ އާއި ލަފާއާއެކު ތާލިބާނަށް ދެމުން އަންނަ ވައިގެ ހަމަލާތައް 2014 ވަނަ އަހަރުން ފެށިގެން ވަރުގަދަ ކޮށްފައެވެ.
އދ އިން ދަނީ އަފްގާން ސަރުކާރާ ތާލިބާނުންނާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި މަރުވާ އާންމުންގެ އަދަދު އިތުރުވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
