އާދިއްތަ ދުވަހު ޕީޕީއެމް ޕީއެންސީ ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުގައި ގައުމު ތަރައްގީ ކުރުމުގެ ގާބިލްކަން ހުރި އެއްވެސް ބޭފުޅަކު ނެތްކަމަށެވެ.
މިބައްދަލުވުމުގައި، ސަރުކާރުން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނެ ކަމަށް ގަބޫލު ކުރައްވަންތޯ ނޫސްވެރިޔަކު އެހި ސުވާލަކަށް ޖާވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން ތަރައްގީ ގެނެވިދާނެކަމަށް ގަބޫލު ނުކުރާކަމާށާއި އެއީ މި ސަރުކާރުގައި އެވަރުގެ ގާބިލުކަން ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ މަތިން ފެށިގެން ތިރިޔަށް ބެލިކަމުގައި ވިޔަސް، އެއީ ރައީސުލްޖުމުހޫރިއްޔާއާއި ހަމައިން ބެލިޔަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ހަމައިން ބެލިޔަސް އަދި އެނޫން ހިސާބަކަން ބެލިޔަސް މި ސަރުކާރުގައި ގައުމު ތަރައްގީ ކުރުމުގެ ގާބިލުކަން ނެތްކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.
އަދި މި ސަރުކާރުގައި ދަތުރުފުޅު ކުރައްވަން ވަރަށް މޮޅު ބޭފުޅުން ތިއްބެވިކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވަނީ ފޮރިން މިނިސްޓަރ ގެ އިތުރުން ޔޫތު މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުން ކުރައްވާ ދަތުރުފުޅުތަކުން ގައުމަށްވާ ފައިދާއެއް ނެތްކަމަށާއި ގައުމުގައި ރައްކާކުރެވިފައި ހުންނަ އެއްޗެއް ހުސްވާނީ ގައުމަށް ފައިދާ ނުވާތީ ކަމުގައެވެ. އެބޭފުޅުން އަބަދުވެސް ދަތުރުފުޅު ނިންމާލުމަށް ފަހު ގައުމުތަކުން ފައިސާ ލިބުނުކަމުގައި ވާހަކަތައް ދައްކާ ކަމަށާއި ނަމަވެސް އޭގެން ލިބޭ ފައިދާއެއް ނުފެންނަކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން ފަށާފައިހުރި މަޝްރޫއުތަށް ހުއްޓިފައި ހުރި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ޒިންމާދާރު ކުރުމުގެ ގޮތުން ކުރައްވާނެ ކަންކަމަށް އަލިއަޅުވާލަމުން އަބްދުރަހީމް ވިދާޅުވީ، ރައްޔިތުންނަށް ވާނުވާ އޮޅުންފިލުވައިދީ ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ. އަދި ގާނޫނީ ގޮތުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމާއި ދައުލަތުގެ އިދާރާތަކަށް ލިޔެކިޔުމުން ހުށައަޅަން ޖެހޭ އެއްޗެހި ލިޔެކިޔުމުން ހުށައެޅުމާއި ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހޭ ކަންކަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމާއި އަދި ރައްޔިތުންނާއި ހަމައަށް ގޮސްގެން ކުރަންޖެހޭ ކަންކަން ރައްޔިތުންގެ ގާތަށް ގޮސް ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޒިންމާދާރު އިދިކޮޅު ޕާޓީއަކީ ދެއިރު ދެދަޅައަށް މަގުމައްޗަށް ނިކުމެ ހުޅުޖަހަމުން ދިޔުން ނޫންކަމަށާއި ޒިންމާދާރުވާން ނިކުމެ ދައުލަތުގެ މުދަލުގައި ހުޅުނުޖަހާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދަންވެސް ނުދާނެކަމަށާއި މަސްއޫލިއްޔަތު އަދާކުރާނީ ޒިންމާދާރު ކަމާއެކު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.