ކޯޓު ތަކަކީ ޝަރިޢަތް ހިންގާ ފަރާތް ކަމަށާއި ފަނޑިޔާރުންގެ ވަގުތު ޚާއްސަ ކުރަން ޖެހޭނީ ޝަރިއަތްތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ފަނޑިޔާރުންނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނު ތަކުގައި ބުނާ ގޮތަށް އަމަލުކުރަން ތިއްބެވި ބައެއް ކަމަށާއި އެބޭފުޅުންނަށް ހަމައެކަނި ގެނެވޭނެ އިސްލާހަކީ ޖުޑިޝަރީ ތެރޭގައި އެނޫން ގޮތަކަށް މަސައްކަތް ކުރާ ބައެއް އުޅޭ ކަމަށް ވަނީ ނަމަ އެފަރާތްތަކަށް ތަމްރީން ދީ ޤާނޫނާ އެއްގޮތަށް ޝަރީއަތް ހިންގުމަށް އެބޭފުޅުން ތަމްރީން ކުރެއްވުން ކަމަށެވެ.
އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ވިޔަސް، ރައީސުލްޖޫމްހޫރިއްޔާ ވިޔަސް އަދި ކޯޓުތައް ވިޔަސް އަމަލު ކުރަން ޖެހޭނީ ޤާނޫނު އަސާސީ އާއި ޤާނޫގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކަމަށެވެ. ޤާނޫނުގައި ބަޔާންކޮށްފައި ނެތްނަމަ ދެން ބަލަން ޖެހޭނީ އިސްލާމީ ޝަރީޢަތަށް ކަމަށެވެ.
އަފީފް ވިދާޅުވީ ކޯޓު ތަކުގެ އިދާރީ ކަންކަން ފަނޑިޔާރުންނަށް ނުބެލޭނެ ކަމަށާއި އިދާރީ ކަންކަން މުސްތަގިއްލު ގޮތެއްގައި ގެންދިއުމަށް ޓަކައި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް އުފެއްދަވާފައިވާ ކަމަށެވެ.
ދުނިޔޭގެ ގިނަ ތަންތާންގައި އޮން ނަނީ ދެބަޔަކަށް. އެއްބަޔަކީ ޖުޑިޝަރީގެ އެޑްމިނިސްޓްރޭޝަން، ދާނީ އެގްޒެކްޓިވްގެ ބާރުގެ ތެރެއަށް. ނޫނިއްޔާ އަންނާނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ތެރެއަށް. މި ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް އެކަން އޮންނާނީ.ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަކީ ސުޕްރީމްކޯޓުގެ ދަށަށް އަންނަން ޖެހޭ ތަނެއް ނޫން ކަމަށް އަފީފް ވިދާޅުވިއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އިދާރީ މަސައްކަތް ބަލަހައްޓަމުންދަނީ ކޯޓްތަކުގެ ބެލުމުގެ ދަށުން ނޫންކަން އަފީފް ފާހަގަ ކުރެއްވިއެވެ.