Advertisement
ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 12:53
ދިއްދޫ ހައުސިން ޔުނިޓްތައް
ދިއްދޫ ހައުސިން ޔުނިޓްތައް
ޓްވިޓަރ
ހއ.ދިއްދޫ
ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މައްސަލަ އަލުން ބަލަނީ
ހައުސިން ޔުނިޓްތައް ދޫކުރާނީ އިންސާފުވެރިކޮށް
ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި

ހއ.ދިއްދޫގައި ސަރުކާރުން އިމާރާތް ކުރި ހައުސިންގ ޔުނިޓްތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބަލަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް ވިދާޅުވީ ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށްބުނެ ބަޔަކު އޭސީސީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރުމަށް އެކޮމިޝަނުން ޖޫން މަސްތެރޭގައި އަންގާފައިވާ ކަމަށެވެ.

ހާޝިމް ވިދާޅުވީ އޭސީސީގެ އެންގުމަށް ކައުންސިލުން އަމަލު ކޮށްފައިވާ ކަމަށާއި، އަލުން އިއުލާން ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އަލުން އޭސީސީން އެމައްސަލަތައް ބަލާތީ މިހާރު އަނެއްކާ ވެސް މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހާޝިމް ވިދާޅުވީ އަލުން ހައުސިން ޔުނިޓްތައް ދޫކުރުމަށް އިއުލާން ކުރެވޭނީ އޭސީސީން ވަކި ޖަވާބެއް ދިނުމުން ކަމަށެވެ.

ހައުސިން ޔުނިޓްތައް ދޫނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާތީ ކަންބޮޑުވުންފާޅު ކުރައްވާ ހާޝިމް ވިދާޅުވީ ރައްޔިތުންގެ ވެސް ބޮޑު ޝަކުވާ އެއް ކަމަށާއި، ހައުސިން ޔުނިޓްތައް ހުސްކޮށް ހުއްނާތީ ވެސް ބޮޑެތި ގެއްލުންތަކެއް އެތަނަށް ލިބެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ މެއިންޓެނަންސް މަސައްކަތް ކުރި ނަމަވެސް ސީލިންގުން ފެން ފޭބުމާއި، މުށިގަނޑުތައް ނެއްޓުމާއި، ތަން ބާވުން ފަދަ ތާފާތު އެތައް މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހައުސިން ޔުނިޓްތައް މަރާމާތުކޮށްފައި ހުރީ ވެސް ކޮލެޓީ ދަށްކޮށް ކަމަށްވާތީ ބައެއް މައްސަލަތައް ފެންމަތިވާ ކަމަށެވެ. އެގޮތަށް ކަރަންޓް ޝޯޓްވުމުގެ މައްސަލަތައް ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން ހާޝިމް ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ މައްސަލާގައި އަމަލުކުރަމުން ދަނީ އޭސީސީންނާއި، ހައުސިން މިނިސްޓްރީގެ އެންގުމުގެ މަތިން ކަމަށެވެ. ހަމަހަމަ އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، އިންސާފުން ހައުސިން ޔުނިޓްތައް ދޫކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ހާޝިމް ދެއްވިއެވެ.

ހާޝިމް ވިދާޅުވީ މިހާރު ވެސް ހައުސިން ޔުނިޓްތަކުގެ މެއިންޓެންސްގެ މަސައްކަތްތައް ކުރިއަށްދާއިރު، ފެނަކަ ކޯޕްރޭޝަނުން އެސަރަހައްދުގެ މަގުތައް ސާފުކުރުމާއި، ލައިޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ސަރުކާރުން ދިއްދޫގައި އިމާރާތް ކުރި 250 ހައުސިން ޔުނިޓްގެ ތެރެއިން 140 ހައުސިން ޔުނިޓްތައް ވަނީ ދޫކޮށްފައެވެ. މައްސަލަތައް ފެންމަތިވުމާއި ގުޅިގެން 110 ހައުސިން ޔުނިޓްތައް ދޫނުކުރެވި ހުރީ ހުއްޓިފައެވެ. އެސަރަހައްދުގެ ގިނަ ހައުސިން ޔުނިޓްތައް ވީރާނާވާން ދޫކޮށްލާފައިވާ ކަމަށް ބުނެ އެރަށުގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
20 ޖުލައި 2019 | ހޮނިހިރު 13:20
ޙައްވަ
ރައީސް އަކީ އަލީ ހާސިމް އެއްނޫން މުހައްމަދު ޙާސިމް