އައިސީއެސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ "ފިޓްނަސް އެކްސްޕޯ 2019" ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި އެކްސްޕޯ ކުރިއަށް ދާނީ މިހިނގާ ޖުލައި މަހުގެ 19، 20 އަދި 21 ގައި ނެޝަނަލް އާރޓް ގެލަރީގައެވެ.
އެކްސްޕޯ ހުޅުވިފައި ހުންނާނީ:
- ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އަށް ، އަދި ހުކުރު ދުވަހުގެ ރޭ 20:00އިން 23:00 އަށް
- ހޮނިހިރު ދުވަހު މެންދުރުފަހު 14:00 އިން 18:00 އަށް، ރޭގނޑު 20:00 އިން 23:00 އަށް
- އާދިއްތަ ދުވަހު މެންދުރުފަހު 14:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.
މި އެކްސްޕޯގައި ކުރިއަށް ދާ ފިޓްނަސް ހަރަކާތްތަކުގެ ތެރޭގައި މާޝަލް އާރޓްސް، ޒުމްބާ، މޯޓިވޭޝަނަލް ސްޕީޗް، ނިއުޓިރިޝަންސް އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި ބައިވެރިންނަށް އެތަނުގައި ހުންނަ އެކި ޗެލެންޖް ހަރަކާތްތަކުގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އައިސީއެސްއިން މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން ވެސް މި އެކްސްޕޯއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ނެގޭ ގުރުއަތަކުން، ނަސީބުވެރި ފަރާތަކަށް ހާއްސަ އިނާމެއް ވެސް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އެކްސްޕޯގައި ބައިވެރިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ހީޓް، ރިވައިވް ފިޓްނަސް އަދި ޝަރކްސް މާޝަލް އާޓްސް އެކެޑެމީ ހިމެނެއެވެ. އަދި މި އެކްސްޕޯގެ ތެރެއިން އެކި ވަގުތުތަކުގައި ޒުމްބާ އާއި މާޝަލް އާޓްސް ޑެމޮންސްޓްރޭޝަންތައް ފެނިގެންދާނެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އައިސީއެސްއިން ބުނީ މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ތެރޭގައި ކަސްރަތުކުރުމަށް އޮތް ލޯބި އިތުރުކުރުމާއި، ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުން ބައްޓަން ކުރުމުގެ އާދަތައް އަށަގެންނެވުން ކަމުގައެވެ. އަދި އެކްސްޕޯގެ ބައިވެރިންނަށް ކެއިންބުއިމުގައި، ކާން ބޭނުންކުރާނެ ސިއްހަތަށް ފައިދާ ހުރި ބާވަތްތަކުގެ މައުލޫމާތު ލިބޭނެކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ހިލޭ ވަދެވޭ ގޮތަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި ފިޓްނަސް އާއި ހެލްތް އާއި ގުޅޭ ޚާއްސަ މައުލޫމާތު ލިބިގެންދާނެ އެވެ.