ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނާ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަދައްހުލް ވެއްޖެއެވެ.
އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ސިވިލް ކޯޓުގައި ވަނީ ބުރާސްފަތި ދުވަހު ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެހެން ނަމަވެސް ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވުމުން ގާޒީ ނިންމެވީ މައްސަލަ ޝަރީޔަތަށް ހުށައެޅުމަށެވެ.
އެ މައްސަލަ އަށް އޭސީސީން ތަދައްހުލް ވާން ހުށައަޅާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ބީއެމްއެލް އިން އޭސީސީއާ ދެކޮޅަށް ދައުވާކުރަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ހިމެނޭ ދެ މީހެއްގެ މައުލޫމާތު ހޯދުމަށް ބޭންކުން ހުށައެޅުމުންނެވެ.
ތަހުގީގީ އެއްވެސް އިދާރާ އަކަށް ކޯޓު އަމުރެއް ނެތި މައުލޫމާތު ދިނުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ.
ބޭންކުން އެ ގޮތަށް ނިންމުމާއި ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފުލުހުންނަށް ދަތިތަކާއި ދިމާވާކަން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ ހޯމަ ދުވަހު ވިދާޅުވެފައެވެ.