މަޖިލީހުގެ ދައުރު ނިމޭ ދުވަސް ކަނޑައަޅައިދެއްވުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަވާއިދު ކޮމިޓީގައި އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ގަވާއިދު ކޮމިޓީން އަންނަނީ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ގަވާއިދު ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މަޖިލީހުގެ ދައުރުތައް ކަނޑައެޅުމާއި މަޖިލީހުގެ ޗުއްޓީ އާއި މަސައްކަތް ކުރާނެ ގަނޑިތައް ކަނޑައެޅުން ހިމެނެއެވެ.
އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މުޅި ގަވާއިދު އިސްލާހުކޮށްގެން މަޖިލީހަށް ނުގެނެވުނު ކަމުގައިވިޔަސް، ކޮމިޓީ އެކުލަވާލެވުނުއިރު ނިމިފައި އޮތީ ކޮމިޓީއިން މަޖިލީހުގެ ގަވާއިދުތަށް އެކުލަވާލާ ނިމޭ މިންވަރަކުން، މަޖިލީހުގެ ތަޅުމަށް ގެނެސް ފާސްކުރަމުން ގެންދިއުމަށް ކަމަށެވެ. މަޖިލީހުގެ ދައުރު ނިމޭ ތަރީޚް ގުޅޭ މާއްދާ އިސްލާހުކުރައްވާ އަވަހަށް ނިންމަވައި ދެއްވުމަށް ކޮމިޓީގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އެހެންކަމުން މަޖިލީހުގެ ދައުރު ނިމޭ ތާރީޚް އަޅުގަނޑުމެންނަށް އިގެން އެބަޖެހޭ. އެ ތާރީޚް ސާފުވާނެ ގޮތަކަށް ކޮމިޓީގެ ގަވާއިދުގެ އެ މާއްދާތައް އިސްލާހުކޮށްދެއްވާ ނިންމަވައިދެއްވުމަށް ކޮމިޓީގައި ވާނީ އެދިފައި"މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ މި ދައުރު ފެށިފައިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.
ގަވާއިދު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވީ މި ދައުރު ނިމޭނީ 31 އޮގަސްޓްގައި ކަމަށް ގަވާއިދު ކޮމިޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގަވާއިދު ކޮމިޓީގެ މި ނިންމުން ފާސްވެގެންދާނީ މަޖިލީހުގެ ތަޅުމަށް، އެ އިސްލާހު ހުށަހަޅާ ފާސްވެއްޖެނަމައެވެ. ދެވަނަ ދައުރު ކުރިއަށްދާނީ އޮކްޓޯބަރ 1 އިން ނޮވެމްބަރު 30 ގެ ނިޔަލަށް ކަމަށާއި، މަޖިލިސް ރިސެސްއަށް ދާނީ ޑިސެމްބަރ އިން ޖެނުއަރީއަށް ކަމަށް ޢަފޫރު ވިދާޅުވިއެވެ. ޢަފޫރު ވިދާޅުވީ މިއީ ކުރިންވެސް ދައުރުތަށް ބަހާލެވިފައިވާ ގޮތް ކަމަށާއި، ކޮމިޓީން އިސްލާހު ކުރިއިރު ދައުރުތަކުގެ ތާރީޚަށް ބަދަލު ގެނެސްފައިނުވާ ކަމަށެވެ.
އަހަރެއްގައި މަޖިލިސް ކުރިއަށްދަނީ ތިން ދައުރަކަށެވެ.