ހުޅުމާލޭގައި އެފްއެސްއެމްގެ ފަރާތުން އަންގާރަ ދުވަހު އާ ޕަމްޕް ސްޓޭޝަނެއް ހުޅުވައިފިއެވެ.
އަންގާރަ ދުވަހުގެ ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕަމްޕް ސްޓޭޝަން ހުޅުވާދިނީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފަސޭހަގޮތްތައް ހޯދަދިނުމަށް ކަމަށާއި އަދި ރައްކާތެރިކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އަންގާރަ ދުވަހު ހުޅުވުގެންދިޔަ ޕަންޕް ސްޓޭޝަންއާއި އެކި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއި ރައްކާތެރިކަމާއެކު ހިދުމަތް ލިބިގެން ދާނެކަމާމެދު ޝައްކު ނުކުރައްވާނެކަމަށް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ތެޔޮ އެޅުމަށް ބޭނުންކުރަމުން ދިޔަ ބައުޒަރުތައް ހުޅުމާލޭގެ މަގުމަތިން މަދުވެގެން ދިޔުމަކީ ހުޅުމާލޭގެ ޓްރެފިކައް ލިބުނު ލުޔެއްކަމަށެވެ. އަދި މި ޕަމްޕް ސްޓޭޝަންގެ ސަބަބުން މަސްވެރިންނަށްވެސް ލުޔެއް ލިބިގެންދާނެ ކަމަށާއި މިފަދަ ރައްޔިތުން ބޭނުންވާ ހިދުމަތްތަކަށް، ރަނގަޅު ހެޔޮ ބަދަލުތަށް ގެނެސްދެއްވާތީ ސަރުކާރަށާއި ކުންފުނިތަކުގެ ވެރިންނަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ.
ޝެޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް ވިދާޅުވީ ތަން ޑިޒައިން ކޮއްފައިވާގޮތުން ކަނޑުއުޅަނދު ފަހަރަށް އެންމެ އެކަށީގެންވާ ހިދުމަތް ފޯރުކޮށްދިނުމުގައި ކޮންމެވެސް ދަތިތަކެއް ހުންނާނެ ކަމަށާއި، މިހާރު ހުރި ސްޓޯރޭޖަކީ އެހާ އެދެވޭ އެންމެ ފުރިހަމަ އަދަދުގެ ސްޓޯރޭޖެއް ނޫންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އުއްމީދު ކުރަނީ އެޗްޑީސީ އާއި އެކު ކުރެވިގެންދާ މަޝްވަރާތަކުން އިތުރު ސްޓޯރޭޖެއް، ޕަންޕް ސްޓޭޝަންއާއި ކައިރިން ބެހެއްޓޭނެ ފުރުސަތު ލިބުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ޝެޑްތަށް ހަދަނީ ވިޔަފާރިއެއް ކުރުމުގެ ބަދަލުގައި ހިދުމަތެއް ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމްގެ އިތުރުން އެސްޓީއޯގެ އެމްޑީ ހުސެން އަމްރު އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހުޅުމާލޭގައި ހުޅުވިގެންދިޔަ އާ ޕަންޕް ސްޓޭޝަން އާއި އެކު ކަނޑު އުޅަނދު ފަހަރަށް މިހާރަށް ވުރެ ފަސޭހަކަމާއިއެކު ތެޔޮ ފޯރުކޮށްދެވިގެން ދާނެއެވެ. އެފްއެސްއެމްގެ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.