ލީބިޔާގެ ރެފިއުޖީ ޑިޓެންޝަން ސެންޓަރުތަކަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަންތަން ނޫންކަމަށް ބުނެ އެ ތަންތަން ބަންދުކުރުމަށް އދ. އިން ގޮވާލާފިއެވެ.
އދ. އިން ވަނީ އެ ޑިޓެންޝަން ސެންޓަރުތައް ބަންދުކުރުމަށްވެދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްވެސް އޮތްކަމަށް ބުނެފަ އެވެ.
އދ. އިން މިހެން ގޮވާލާފައި މިވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީ އަށް މީގެ ދެހަފްތާ ކުރިން ދިން ވައިގެ ހަމަލާއެއްގައި ލީބިޔާގެ ޑިޓެންޝަން ސެންޓަރެއްގައި ހައްޔަރު ކޮށްފައި ތިބި 50 ރެފިއުޖީން މަރުވެފައިވަނިކޮށެވެ. ހަމަލާ ދިން އިރު ޑިޓެންޝަން ސެންޓަރުގައި 120 ރެފިއުޖީން ހައްޔަރުގައި ތިއްބެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އެފްރިކާގެ ހައިހޫނުކަމާ ހަމަނުޖެހުންތަކުން ދުރަށް ދިއުމަށްޓަކައި އެފްރިކާއިން ޔޫރަޕަށް ހިޖުރަކުރަން އުޅުނު މީހުންނެވެ.
އދ. ގެ ތާއިދާއެކު ލީބިޔާ ގައި ވެރިކަން ކުރާ މިނިސްޓަރ ފަޔާޒް އަލް ސައްރާޖް ގެ ސަރުކާރުން ބުނެފައިވަނީ ހަމަލާ ދީފައިވަނީ އިދިކޮޅު ލީބިޔަން ނޭޝަނަލް އާމީންކަމަށެވެ. ނަމަވެސް ލީބިޔަން ނޭޝަނަލް އާމީން ބުނެފައިވަނީ އެމީހުން ހަމަލާދިނީ ޑިޓެންޝަން ސެންޓަރު ކައިރީގައި ހުރި ސަރުކާރަށް ތާއިދުކުރާ އަސްކަރިއްޔާގެ މަރުކަޒަކަށް ކަމަށާއި ސެންޓަރަށް ހަމަލާ ދީފައިވަނީ ރައްދުގައި ހަމަލާދިން ސަރުކާރުގެ އަސްކަރިންޔާއިން ކަމަށެވެ.