އެސްޓީއޯގެ ދަށަށް މިފްކޯ އައުމުން މިއަހަރާއި ހިސާބަށް 450 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ޖަޒީރާ ހޮޅުއަށި ސިލްސިލާގެ ދަށުން ބޭއްވި ތިން ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކޮށްފައިވަނީ އެސްޓީއޯ ބޭނުންވެގެން ނޫން ކަމަށެވެ. އަދި މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކޮށްފައިވަނީ މިފްކޯ ބަނގުރޫޓުވެގެން ހަދާނެ ގޮތެއް ނެތިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯ އިން ފިއުސް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް މިފްކޯ އަށް ތެޔޮ ގެންގޮސް މިފްކޯ އިން މަސްވެރިންނަށް ތެޔޮ ވިއްކަމުންދާއިރު އެއްވެސް ފައިސާއެއް އަނބުރާ އެސްޓީއޯއަށް ނާންނަ ކަމަށް އަމްރު ވިދާޅުވިއެވެ.
މިވަގުތު ހަމައެކަނި ތެޔޮ މަސްވެރިންނަށް ވިއްކާފައި ވެސް ލިބެން އެބައޮތް ގާތްގަނޑަކަށް 230 މިލިއަން ރުފިޔާ. މިފްކޯ އެސްޓީއޯގެ ދަށަށް އައުމާ ގުޅިގެން މިއަހަރުގެ މިހާ ހިސާބަށް 450 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައި. ހަޤީޤަތަކީ އެސްޓީއޯ އަށް އެކަން ކުރެވެން އޮތްއިރަކު ނޫން މިފްކޯ އެސްޓީއޯގެ ދަށަށް ލާފައި އޮތީކީއަމްރު ވިދާޅުވިއެވެ.
މަސްވެރިންގެ ދޯނިފަހަރުތައް 150 ފޫޓަށް ބޮޑުވެގެންދިޔައިރު މިފްކޯގެ ބޯޓުތައް ވަރަށް ކުޑަކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އެކަމަށް އެއްވެސް ކަމެއް ކުރިން ކޮށްފައިނުވާ ކަމަށެވެ.
ފެލިވަރުގައި މަސް އަދިވެސް ބަންދުކުރެވެނީ ދުވާލަކަށް 50 ޓަނު ކަމަށާއި އެކަމަށް ވެސް ހައްލެއް މީގެ ކުރިން ހޯދާފައިނުވާ ކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިފްކޯ އަކީ ގެއްލުން ނުވެ ހިންގޭނެ ކުންފުންޏަކަށް ހެދުމަށް ކަމަށެވެ.
އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ މިފްކޯ އަކީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް ހަދަން. އެގޮތަށް މި މަސައްކަތް ކުރަން ޖެހެނީ މަސްވެރިކަން ދެމި އޮންނާނީ މިފްކޯ އަށް ރަނގަޅަށް މަސައްކަތް ކުރެވިގެން. މަސްވެރިން ބާނާ މަސް ޕްރޮސެސް ކުރެވި ރާއްޖެއިން ބޭރު ކުރެވި މަސްވެރިންނަށް މިއަށްވުރެން ރަނގަޅު އާމްދަނީއެއް ލިބިގެން ނޫނީ މަސްވެރިކަން އިތުރަށް ކުރިއަކަށް ނުގެންދެވޭނެއަމްރު ވިދާޅުވިއެވެ.
މިފްކޯ ނުހިންގި ބަނގުރޫޓުވުމުން، އެ ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވެ އެތަން އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެސްޓީއޯގެ ދަށުން މިފްކޯ ހިންގަމުން އަންނަތާ ތިން އަހަރު ވަނީއެވެ.