Advertisement
ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 18:41
\"ޔޫތު ވޮލްނަރަބަލިޓީ އެސެސްމެންޓް އިން ދަ މޯލްޑިވްސް\" ރިސާޗް އިފްތިތާހުކުރުމުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
"ޔޫތު ވޮލްނަރަބަލިޓީ އެސެސްމެންޓް އިން ދަ މޯލްޑިވްސް" ރިސާޗް އިފްތިތާހުކުރުމުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ޑިފެންސް މިނިސްޓަރ
މުޖުތަމައުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ޒުވާނުންގެ ކުރިއެރުމުގެ މަގު ވަނީ "ފޭރިގަނެވިފައި": ޑިފެންސް މިނިސްޓަރ
މި ދިރާސާއަކީ ދިވެހި ޒުވާނުން ތަފާތު އެކި ކުށްތައް ކުރުމަށް، ނުރައްކަލަށް ހުށައެޅިފައިވާ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާއެއް

ދޯހަޅި ސިޔާސަތުތަކާއި, ތަރައްގީގެ އެކި މަޝްރޫއުތައް ހެދުމުގައި އެއްވެސް ކަހަލަ ތަސައްވުރެއް ނެތުމާއި ފަގީރުކަން އަދި ވަޒީފާ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންނާއި އަދިވެސް މުޖްތަމައުގައި ހުރި އެކި ގޮންޖެހުންތަކުގެ ސަބަބުން ޒުވާނުން ތަފާތު އެކި ރޮނގުތަކުން ކުރިއެރުމުގެ މަގު ވަނީ "ފޭރިގަނެވިފައި" ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު ބޭއްވި "ޔޫތު ވޮލްނަރަބަލިޓީ އެސެސްމެންޓް އިން ދަ މޯލްޑިވްސް" ރިސާޗް އިފްތިތާހުކުރުމުގެ ޖަލްސާގައި އެކަމަނާ ވިދާޅުވީ ޒުވާނުންނާއި އެކު މަސައްކަތް ކުރައްވާތާ 20 އަހަރަށްވުރެ ގިނަދުވަސްވެފައި ވާކަމަށެވެ. އަދި އެ ކުރެވުނު މަސައްކަތުން އިނގުނު ކަމަކީ ގައުމުގެ ޒުވާނުންނަކީ އެމީހުން އިހްތިޔާރުކުރާ ދާއިރާއަކުން ކާމިޔާބުކަމާއެކު ކުރިޔަށް ދިޔުމުގެ ގާބިލުކަން ލިބިފައިވާ ބައެއްކަންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިނގުނު ކަމަކީ މި ގައުމުގެ ޒުވާނުންނަކީ އެމީހުން އިހްތިޔާރު ކުރާ ދާއިރާއަކުން ކާމިޔާބުކަމާއެކު ކުރިޔަށް ދިޔުމުގެ ގާބިލުކަން ލިބިފައިވާ ބައެއް.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

މިނިސްޓަރ އިތުރަށް ވިދާޅުވީ ގިނަ ޒަމާންތަކެއް ވަންދެން ޒުވާނުންނަށް ހީވެފައި އޮތީ ގައުމު ހިންގުމުގައި އަދި ޒުވާނުންގެ ކުރިމަގު ބިނާކުރުމުގައި އެމީހުންނަށް ބަހެއް ބުނުމަށް ފުރުސަތު ނެތްކަމަށެވެ. އަދި މިކަމުގެ ސަބަބުން ޒުވާނުން މުޖުތަމައުން އެކަހެރި ވެފައި ވާކަމަށެވެ. އެޮތުން މިއަދު މި ނެރެވިގެންދިޔަ ދިރާސާއަކީ ޒުވާނުންގެ އެފަދަ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ އިތުރުން ޒުވާނުން ނުރައްކަލަށް ހުށައެޅިފައިވާ މިންވަރު އަންގައިދޭނެ ދިރާސާއެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ޔޫތު ވޮލްނަރަބަލިޓީ އެސެސްމެންޓް އިން ދަ މޯލްޑިވްސް" އަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އަދި ޖަޕާން ސަރުކާރާއި ގުޅިގެން ހިންގި ދިރާސާއެކެވެ. މި ދިރާސާއަކީ ދިވެހި ޒުވާނުން ތަފާތު އެކި ކުށްތައް ކުރުމާއި، ޒުވާނުން ނުރައްކަލަށް ހުށައެޅިފައިވާ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ.

ކޮރަޕްޝަން، ތައުލީމް، މަސްތުވާތަކެތި، ވަޒީފާގެ ފުރުސަތުތައް ނުލިބުން، ގެދޮރުގެ މައްސަލަތައް ގޭންގް ވައިލަންސް އަދި ދީނީ ހަރުކަށިކަން، ވަނީ ޒުވާނުންގެ މެދުގައި ހުރި މައިގަނޑު މައްސަލަތަކުގެ ގޮތުގައި ފާހަގަ ކުރެވިފައެވެ.

"ޔޫތު ވޮލްނަރަބަލިޓީ އެސެސްމެންޓް އިން ދަ މޯލްޑިވްސް" ދިރާސާ ނެރެދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

މި ދިރާސާގައި ޖުމުލަ 28 ރަށަކުން، އުމުރުން 16 އަހަރާއި 35 އަހަރާދެމެދުގެ 117 މީހުންވަނީ ބައިވެރިވެފައެވެ. މި ދިރާސާގެ ބައިވެރިންގެ ތެރެއިން %50 ބައިވެރިން ގަބޫލު ކުރަނީ ސަރުކާރުން އެމީހުންނަށް އަޅާނުލާކަމަށެވެ. ނަމަވެސް މިއަދު ނެރެވިގެން މި ދިރާސާގެ ހޯދުންތަކުގެ ސަބަބުން ކުރިއަށް އޮތަނުގައި ސަރުކާރުގެ ސިޔާސަތުތައް ހެދުމުގަޔާއި ސަރުކާރުން އަމަލުކުރުމުގެ އުސޫލުތައް ހެދުމުގައިި ކުރިޔަށް ވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިކުރިން އިތުރު ކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގެޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ޖާޕާނުން ދިވެހިރާއްޖެ އަށް ކަނޑއަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އަދި ޔޫ.އެން.ޑީ.ޕީގެ ދިވެހިރާއްޖޭގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކިކޯ ފުޖީ ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް