ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވައި މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބުދަ ދުވަހު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި ކުޑަރިކިލު ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސް އާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރުގައި ހުރި ދަތިތަކާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކުގެ އިތުރުން، ރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު އެހެން ޕްރޮޖެކްޓްތަކާބެހޭ ގޮތުން ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ރައީސް އާއި ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން އެރަށުގައި ހުރި އާސާރީ މިސްކިތް މަރާމާތުކޮށް އަލުން ބޭނުންކުރެވޭނެ ގޮތް ހެދުމާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކުޑަރިކިލު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.