ތެޔޮ އަގުބޮޑުކޮށް ވިއްކުމުގެ މުއާމަލާތް ކޮށްފައި ވަނީ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ކުރީގެ ވިލުފުށީ ދާއިރާގެ މެެމްބަރު ރިޔާޒް ރަޝީދް ގެ މަސްލަހަތު އޮންނަ ދެކުންފުނިން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓާރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސައީދް މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވުނު ސްޓޭޓް އެންޓަޕްރައިޒެސް ކޮމިޓީގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ ފެނަކައިން 8.50 ނުވަތަ 8.75 ރުފިޔާއަށް ފިއުލް ސަޕްލައި ތަކުން ގަނެފައި ހުރި ތެޔޮ 18 ރުފިޔާއާއި 26 ރުފިޔާއަށް ވިއްކާފައި ހުރި ކަމަށެވެ.
މި މުއާމަލާތާއި ބެހޭ ހުރިހާ މައުލޫމާތުތައް ސަރުކާރުން އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށާއި އޭސީސީ އަށް ވެސް ހުށަހަޅާފައިވާ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ.
މެމްބަރަކު ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ، ފެނަކައިން ކުރީގެ ފޮނަދޫ މެމްބަރަށާއި ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރަށް ފައިސާތަކެއް ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ފައިސާތައް ނުދައްކާ މަޑު ޖައްސާލާފައިވަނީ އެ މުއާމަލާތްތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައި ހުރި މުއާމަލާތްތަކަކަށް ވުމުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އަދުރޭއާއި ރިޔާޒް ރަޝީދު ގެ މައްޗަށް މި ނޫން ވެސް ވަރަށް ބޮޑެތި ކޮރަޕްޝަން ގެ އަމަލުތައް ހިންގާފައިވާކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.