ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 04:02
ސައުދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދު
ސައުދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދު
ގޫގުލް
ސައުދީ ޝާޙީ އާއިލާ
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
ޝާޙީ އާއިލާގެ ގިނަ ޖަރީމާތައް ފޮރުވަނީ ދީނާއި ތެލުގެ ވިޔަފާރީގެ ފަރުދާގައި
މުއައްޒަފުންނަށް ކުރާ ލާއިންސާނީ އަނިޔާތަކުގެ ރިޕޯޓްތައް ވަނީ ގިނަވެފަ

މި ދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަކީ ސައުދީ ރަސްގެފަނު ރާއްޖެއަށް ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅުގެ ވާހަކައެވެ. އެއްބަޔަކު އެ މަނިކުފާނަށް ފާޑު ކިޔަމުންދާއިރު، މުޅި އިސްލާމީ އުއްމަތުގެ ލީޑަރުގެ ގޮތުގައި ސިފަކޮށް އެމަނިކުފާނަށް ފާޑު ކިޔުމަކީ، މުޅި އިސްލާމީ އުސޫލުތަށް ނިކަމެތި ކޮށްލުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް ބައެއް ފަރާތަތަކުން ވަނީ ސިފަކޮށްފައެވެ.

ތެދެކެވެ. މުސްލިމުންގެ ޤިބުލަ ހުރީ ސައުދީ އަރަބިއާގެ ބިމުގައެވެ. މުގައްދަސް ދެ ބިން ކަމުގައިވާ މައްކާ އާއި މަދީނާއަކީ ސައުދީ އަރަބިއްޔާގެ ދެ ބިމެވެ. އެހެންކަމުން، މުޅި މުސްލިމު އުއްމަތްވެސް ސައުދީ އަރަބިއްޔާ އާއި މެދު ދެކެނީ ޚާއްސަ ނަޒަރަކުންނެވެ. މުސްލިމުން ސައުދީ ޝާޙީ އާއިލާއަށް ނުހަނު އިޚުތިރާމް ކުރެއެވެ. ނަމަވެސް ބަންދު ދޮރުތަކުގެ ފަހަތުގައި ވަނީ އެހެން ވާހަކަ ތަކެކެވެ. މުސްލިމު އުއްމަތުގެ ގިނަ އަދަދެއްގެ ބަޔަކު ސައުދީ ޝާޙީ އާއިލާއާމެދު މާޔޫސް ވެސް ވެފައެވެ. އެ އާއިލާގެ ހަޤީޤަތް ވަނީ ގިނަ މުސްލިމުންގެ ކުރިމަތީގައި ފަލީޙަތް ވެފައެވެ.

މި ރިޕޯޓްގައި ވަރަށް ކުރުކޮށް މި ބަލައިލަނީ މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ސައުދީ އަރަބިއްޔާގެ ފެށުމާއި، ސައުދީ ޝާޙީ އައިލާގެ ފަތިފުށަށެވެ.

 

ސައުދުގެ ކުރިން އަރަބިއްޔާ

މިއަދު ވެރިކަމުގައި ތިބި ސައުދު އާއިލާގެ ނަން މަޝްހޫރުވެގެން ދިޔައީ 20 ވަނަ ޤަރުނުގެ ކުރީކޮޅެވެ. މިއަދުގެ ސައުދީ އަރަބިއްޔާގެ އެވާ ބިމަކީ އޭރު ހިޖާޒެވެ. އޭރު ހިޖާޒު އޮތީ ބާރު ކެނޑެމުން ދިޔަ އުސްމާނިއްޔަ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެ ބިމުގައި ދިރިއުޅެމުން ދިޔަ ގަބީލާތައް ދިޔައީ އެއްބަޔަކު އަނެއް ބަޔަކާ ކޯޅެމުންނެވެ. އެ ޤަބީލާތަކުގެ ބާރު ދިޔައީ ކެނޑެމުންނެވެ.

1744 ވަނަ އަހަރު ސައުދު އާއިލާގެ އެންމެ އިސްކޮށްހުރި، މުޙައްމަދު ބިން ސައުދު، އޭރުގެ ނުފޫޒުގަދަ ދީނީ ލީޑަރެއް ކަމުގައިވާ މުޙައްމަދު އިބްނު ޢަބްދް އަލް ވައްޚާބް އާއި ގުޅި، އަލް ސައުދު ކްލޭން އުފެއްދިއެވެ. އެހިސާބުން، ސައުދު އާއިލާއިން ރަސްކަމާ ހަވާލުވެ، ރަސްކަން ދިފާޢުކުރުމަށް އޭރުވެސް، މިހާރުވެސް، ބޭނުން ކުރަމުންދާ ދީނީ ގޮތް ފާޑު، މުޙައްމަދު އިބްނު ޢަބްދް އަލް ވައްޚާބް މެދުވެރިކޮށް ފަތުރަން ފެށިއެވެ. ވިދިގެން އައި އަހަރުތަކުގައި ހިޖާޒުގެ ބިމަށް ބާރު ފެތުރުމަށްޓަކައި، އެކި ޤަބީލާތަކުގެ އަންހެން ކުދިންނާއި ސައުދު އާއިލާގެ ފިރިހެނުން ކައިވެނި ކުރުވިއެވެ. އެފަދައިން ބާރުގެ ދަށަށް ނުގެނެވުނު ގަބީލާތަކާއި ހަނގުރާމަވެސް ކުރިއެވެ.

ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، އުސްމާނިއްޔަ ދައުލަތް ކުޑަކަކޫ ޖެހުމާއި އެކު، ދަނޑިވަޅުގެ ބޭނުން ހިފައި، 1932 ވަނަ އަހަރު މުޙައްމަދު ބިން ސައުދު، އޭނާގެ އާއިލާއަށް ނިސްބަތްކޮށް، ސައުދީ އަރަބިއްޔާގެ ނަމުގައި ރަސްކަން ކުރައްވަން ފެއްޓެވިއެވެ. މި ލިބުނު ބާރާއިއެކު، 1932 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ހިޖާޒް އުވާލައި، ކިންގްޑަމް އޮފް ސައުދީ އަރަބިއްޔާ، ނުވަތަ ސައުދީ އަރަބިއްޔާގެ ރަސްކަން ރަސްމީކޮށް އިޢުލާނު ކުރިއެވެ.

ހަމަ މި ރަސްކަމާއެކު، މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީގެ ބެލެނިވެރިކަންވެސް ސައުދު އާއިލާއިން ހޯދިއެވެ.

 

އައު ރަސްކަމާއި، ތެލުގެ ނަސީބު

އަލަށް އުފެދުނު ރަސްކަމުގެ ފުރަތަމަ ފަސް އަހަރު ވެގެންދިޔައި އުނދަގޫ ފަސް އަހަރަށެވެ. ރަސްކަމެއް ދެމެހެއްޓޭވަރުގެ ވަޞީލަތްތައް ނެތުމާއި، ސަހަރާގެ ހޫނާއި، ސައުދު އާއިލާގެ ބަދަވީ ދިރިއުޅުމުގެ ގޮތްފާޑު ވެގެން ދިޔައީ މި އުނދަގޫކަން އިތުރު ކުރުމަށް ބާރު އެޅި ކަންކަމަށެވެ.

ރަސްކަމުގެ ފަސްވަނަ އަހަރު ސައުދު އާއިލާއި އަތުގައި ނަސީބު ހިފިއެވެ. އެ އާއިލާއިން އޭރު ކާމިޔާބު ކަމާއެކު ޤާއިމްކޮށްފައި އޮތް ސައުދީ އަރަބިއްޔާގެ ބިމުން ތެޔޮ ފެނުން ވެގެންދިޔައީ، ސައުދު އާއިލާގެ ރަސްކަން ދެމެހެއްޓުމަށް ލިބުނު އެންމެ ބޮޑު އެއް ބާރަށެވެ.

ހިޖާޒުގެ ބިން ހިފައި އަމިއްލައަށް ރަސްކަމަށް އަރާވަޑައިގެން ހުންނެވި، އިބްނު ސައުދު ނިންމެވީ، ތެލުގެ ވިޔަފާރީގައި ކުރިއަށްދިއުމަށް އެމެރިކާ އާއި ގުޅުމަށެވެ. އެހިސާބުން އަރަބިއަން އެމެރިކަން އޮއިލް ކޮމްޕެނީ، ނުވަތަ މިއަދުވެސް އާންމު ނަމުންނަމަ އަރަމްކޯ އުފެދިގެން ދިޔައެވެ. ފެށުމުގައި އަރަމްކޯގައި ސައުދީ ވެގެން ދިޔައީ، ދަތް ނެތް ސިންގާއަކަށެވެ. ރަސްކަމުގެ ޝާނާ ޝައުކަތާއި، އާރާއި ބާރާއެކުވެސް، ސައުދީއަށް އަރަމްކޯގެ 20 އިންސައްތަ ހިއްސާވެސް ލިބޭ ވަރުވީ 1972 ވަނަ އަހަރުއެވެ. ތެލުގެ ވިޔަފާރި އާއި އެކު ސައުދީ ރަސްކަމަށް ފައިސާ އޮހެން ފެށިއެވެ. ހަނަފަސް ސަހަރާގެ މެދުގައިވާ، ޒަމާނީ ޝަހަރެއް ފަދައިން އިބްނު ސައުދުގެ ޤައުމު ބަބުޅަން ފެށިއެވެ.

ތެލުން ލިބެމުން ދިޔަ ފައިސާ އާއި ބާރު ފެނި، ސައުދީންނަށް 20 އިންސައްތައެއް ނުފުދުނެވެ. މުޅި އަރަމްކޯ ސައުދީގެ ބާރުގެ ދަށަށް ގެންދިއުމަށް ފެށި މަސައްކަތް ކާމިޔާބުވީ 1980 ވަނަ އަހަރުއެވެ. އެއާއިއެކު، ވިއްސަކަށް އަހަރުގެ ތެރޭގައި، ހަމަ އެކަނި ތެލުގެ ވިޔަފާރިން ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމުގެ ލަޤަބު ސައުދީ އަރަބިއްޔާއަށް ލިބިގެން ދިޔައެވެ.

 

އަލް ސައުދު އާއިލާގެ ފަތިފުށް ދުނިޔޭގެ ކުރިމައްޗައް!

ހުޅަނގުން ސައުދީގެ ތެލަށް ބަރޯސާވާން ފެށުމާއި އެކު ސައުދީން ބޮޑާވިއެވެ. ހުޅަނގަށް ތެޔޮ ވިއްކުމުގައި ސައުދީގެ އުޞޫލަކަށްވީ، "ކަލޭމެންނަށް ތެޔޮ ވިއްކާނަމޭ، އަހަރުމެން ކުރާ ކަންކަމާ ބެހިގެން ނުވާނޭ" އެވެ. ތެލުގެ އަވައިގައި ހުޅަނގުގެ އަނގަ ބަންދުކޮށް، ސައުދީން ދިޔައީ ހިތު ހުރިހާ ގޮތަކަށް ކަން ކުރަމުންނެވެ. ސައުދީގެ އެތެރޭގަ އާއި ސައުދީން ބޭރުގައި ސައުދީ ރަސްކަމުން ހިންގަމުން ދިޔަ ޖަރީމާތަކަށް ހުޅަނގުން ޗުއްޕުވެސް ނުބުނެއެވެ.

ސައުދީގެ ފަތިފުށް ހާމަވާންފެށީ، ހުޅަނގާއި މެދުއިރުމަތީގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢާތްތައް ގިނަވެ، އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ މީޑީއާ ސްޓޭޝަންތައް އިތުރުވެގެން ދިއުމާއި ވިކީލީކްސް ފަދަ ޖަމުޢިއްޔާތަކުގެ މަސައްކަތް އުތުރުވެގެން ދިއުމުންނެވެ.

ވިކީލީކްސް އާއި އެކްޓިވިސްޓް ގްރޫޕް އެނޮނިމަސް އިން ލީކުކޮށްފައިވާ އެކި ޑޮކިއުމަންޓްތަކުން ހާމަވެފައިވާ ގޮތުގައި އިސްލާމީ ޝަރީޢަތުގެ ނަމުގައި، ރަސްކަން ދަމަހައްޓައި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަށް ސައުދީގައި ހަދާފައިވާ ޤާނޫނުތަކަކީ އާންމުންނާއި، ޝާޙީ އާއިލާގެ އަންހެން ބޭކަނބަލުންގެ މައްޗަށް އެކަނި ހިނގާ ޤާނޫނު ތަކެކެވެ.

މިސާލަކަށް ޝާޙީ އާއިލާގެ ފިރިހެނުން މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި ބޭނުންކުރުން މި ޤާނޫނުތަކުގެ ދަށުން މައްސަލައަކަށް ނުވާއިރު، ޝާޙީ އާއިލާގެ އަންހެނުންނާއި އާންމު ރައްޔިތުން، މަސްތުވާތަކެއްޗާއި ބަނގުރާ، ގެންގުޅެ، ބޭނުންކޮށްފިނަމަ، އެމީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރެއެވެ.

ސައުދީގެ ދީނީ ފުލުހުންގެ ހަރުކަށިކަމުގެ ވާހަކަ މިހާރު ދުނިޔެއަށް މަޝްހޫރު ވެފައިވާއިރު، ލީކުވެފައިވާ ވީޑިއޯތަކާއި، ޝާހީ އާއިލާގެ ވަކިތަކުން ސަލާމަތްވެ، އެކި ޤައުމުތަކުގެ ހިމާޔަތް ހޯދާފައިވާ ޝާޙީ އާއިލާގެ ކުރީގެ ބާންދީންގެ ހެކިބަހުން އެނގޭ ގޮތުގައި، ދީނީ ފުލުހުންގެ ހިމާޔަތުގައި ތިބެ، ހޮލޮވީން، އައި ކްރިސްމަސް ފަދަ ހުޅަނގާއި އެހެން ދީންތަކުގެ އެކިއެކި މުނާސަބުތައް ފާހަގަކޮށް "ޕާޓީ" ކުރުމަކީ، ޝާޙީ އާއިލާގެ އަމީރުންގެ އާންމު ދިރިއުޅުމެވެ. އަދި ހަމަ މިއާއިއެކު، ރަސްކަމުގެ ދަރުބާރުން، އެންމެ މަތިން ފެށިގެން، އެންމެ ތިރިއާއި ހަމައަށް، ދިރިއުޅެމުންދާ "ޕާޓީ ލައިފް" އާއި ލަސް ވޭގަސްގެ އެކި ކެސީނޯތަކުގައި ޝާޙީ އާއިލާގެ ހިއްސާ އޮންނަ މިންވަރަކީވެސް މިހާރު ހާމަވެފައިވާ މަޢުލޫމާތުތަކެވެ.

އަލް ސައުދުގެ ގަނޑުވަރުން ސަލާމަތްވެ، ދިރިތިބި އެތަނުގެ ކުރީގެ މުއައްޒަފުން ދީފައިވާ ހެކިބަސްތަކުން، ގަނޑުވަރުތެރޭގައި ޚާދިމުންނަށް ދީފައިވާ، އަދި ދެމުންދާ ލާއިންސާނީ އަނިޔާތައް ހާމަވެއެވެ. ރިޝްވަތާއި ބިރުދެއްކުމުގެ ތުޙުމަތުތައް ޝާޙީ އާއިލާ އާއި ދެކޮޅަށް އާންމުކޮށް ކުރާއިރު، މިފަދަ ތުޙުމަތު ކުރާ ފަރާތްތަކާއި މެދު ޝަރީޢަތްތައް ހިންގައި އަދަބުދީފައިވެސް އެބަހުއްޓެވެ.

ދެ ހަރަމުގެ ބެލެނިވެރިންގެ މެޑަލް ޖަހައިގެން ތިބި ޙައްޖުގެ މަތިވެރި އަޅުކަމަށް ބައެއް ޤައުމުތަކުގެ މުސްލިމުން ދިއުންވެސް ސައުދީން ވަނީ މަނާކޮށްފައެވެ. އެމެރިކާ އާއި އެއްބައިވެ، މުސްލިމު ޤައުމުތަކަށް ބޮން އެޅުމުގައި ސައުދީން ބޮޑު ރޯލެއް ކުޅޭއިރު، ޔަމަނުގެ އެތައް މިލިއަން ބަޔަކު ހަނގުރާމައިގައި ގެދޮރު ނެތިފައި އެވަނީ ސައުދީން ޔަމަނަށް އަޅަމުންދާ ބޮންތަކުގެ ސަބަބުންނެވެ.

 

"އިސްލާމް ދީނުގެ ބެލެނިވެރިޔާ"

ފެށުނީއްސުރެ، ސައުދީ އަރަބިއްޔާއިން ދަނީ އެމީހުންނަކީ އިސްލާމް ދީނުގެ ބެލެނިވެރިންގެ ގޮތުގައި ޕްރޮމޯޓް ވަމުންނެވެ. މުސްލިމު އުއްމަތުގެ ލީޑަރަކީ ސައުދީ ރަސްގެފާނު ކަމުގައި ދެއްކުމަށް އެތައް މަސައްކަތެއް ކުރެއެވެ. ނަމަވެސް ހަޤީޤަތަކީ ސައުދީންނަކީ އަޅުގަނޑުމެންނަށް އިސްލާމް ދީން ދަސްކޮށްދޭ ހުރިހާ ކަމަކާއި ދެކޮޅު ބައެއް ކަމެވެ. ހަންފެތުރުމުގެ ކެމްޕެއިނެއް ތެރެއިން ހިޖާޒްގައި އަމިއްލަ އާއިލީ ނަމުގައި ޤައުމެއް ޤާއިމް ކުރުމާއި، މާތްވެގެންވާ ކައުބާ އާއި ހަވާލުވެތިބެ، އެ ހިންގާ އަނިޔާވެރި އަމަލުތަކާއި، އެ ނަގާ މަޖާ އެއީ ދުނިޔެއަށް ސިއްރު ކުރެވޭނެ އެއްޗެއް ނޫނެވެ.

ތެދެކެވެ. ޤިބުލަ ހުރީ ސައުދު އާއިލާއިން ވެރިވެގެންފައިވާ ހިޖާޒުގެ ބިމުގައެވެ. ނަމަވެސް ސައުދު އާއިލާ އަކީ އިސްލާމް ދީނެއް ނޫނެވެ. 

- ކޮމެންޓް
6 މާރޗް 2017 | ހޯމަ 19:15
އިބްރާހިމް
މިލިޔުމަކީ ރަނގަޅު ފެށުމެއް. ގިނަމީހުން، އަޅުގަނޑުވެސް ހިމެނޭގޮތަށް، މިހާތަނަށް ޤަބޫލުކޮށްގެންތިބީ ސައުދީ އަރަބިޔާ އަކީ ފެށުނީއްސުރެ އޮތް ޤައުމެއްކަމަށް!
5 މާރޗް 2017 | އާދީއްތަ 17:55
Ali
Tiyabunaa hama tedeh Hanna daan viyass miulhenee million rufiyaa dahkan
5 މާރޗް 2017 | އާދީއްތަ 17:25
Nan
Liyumugai thaareekh thereah adhi ragalhah ali alhuvaalinama ithurah furihama vees Bodu bayeh unikamugai ekamuge sababun dhekemeve. Mi varun saudhuge baigadu ge hageegaith haama vaathier shukuriyyaa eve.
5 މާރޗް 2017 | އާދީއްތަ 12:58
ސައުދީ
ރަނގަޅު ލިޔުމެއް
5 މާރޗް 2017 | އާދީއްތަ 12:12
ޝާޑު
ވަރަށް ފުރިހަމަ ލިޔުމެއް
5 މާރޗް 2017 | އާދީއްތަ 09:49
Myself
Better do a bit more research on the relationship between Wahab and Saud family... Do not generalize single or few incidents...to paint a picture of the whole country...
5 މާރޗް 2017 | އާދީއްތަ 06:40
ވަހީދު
ސައުދީ ގަ ހިނގަނީ އިސްލާމީ ވެރިކަމެއްނޫނެވެ ، އެއީ މުރުތައްދު ތާޢޫތީ ގައުމިއްޔަތުގެ ވެރިކަމެކެވެ. ސައުދުގެ އާލުންގެ ކިބައިން މުސްލިމުން ސަލާމަތްވާން އެބަޖެހޭ. ސައުދީ ސަރުކާރަކީ އިސްލާމް ދީނައްލޯބިކުރާ، އެދީންފަތުރާބައެއްނޫން ،އެމީހުން ގޮވަނީ ގައުމިއްޔަތައް ނުވަތަ ނޭސަނަލިޒަމް އައް ، އެއީ މިތަނުގެ ސަރުކާރުންވެސް ހަމަ ގޮވާގޮވުން. އިސްލާމްދީނުގަ ގައުމިއްޔަތެއްނުވޭ އެކަމު މި ބައިގަނޑު ތެޅި މަރުވަނީ ކުނި ގައުމިޔަތައްޓަކައި، އަދި ބައިޔަތު ހިފައިގެން ތިބީ ޔަހޫދީންނާއި ނަސޯރާއިންނާއިއެކު..