ވިސްލްބްލޯގެ ގާނޫނެއް އޮތުމުގެ މުހިއްމުކަން ހާމަވީ 2016 ވަނަ އަހަރު ޖަލަށްލި ބޭންކް އޮފް މޯލްޑިވްސް ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް ޖަލަށްލީ ހިސާބުން ކަމަށް އެބިލް މަޖިލީހަށް ހުށައެޅުއްވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި އެބިލަށް ވާޙަކަދައްކަވަމުން ސަރުކާރުގެެ ފަރާތުން ބިލް ހުށަހެޅުއްވި މެމްބަރު އީވާ ވިދާޅުވީ ވިސްލްބްލޯގެ ގާނޫނެއް އޮތުމުގެ މުހިއްމުކަން ހާމަވީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް، އެސްއޯއެފް ކުންފުނީގެ ޖަރީމާތައް ފަޅާއަރުވާލައިގެން ގާސިމް ޖަލަށްލީ ހިސާބުން ކަމަށެވެ. މީގެ ކުރިން ފެނިގެން ދިޔައީ ސަރުކާރުގެ ނޭއްގާނީ އަމަލުތައް ދައްކަން ކެރުނު މީހުންނަށް ޖަލު ގޮޅިތަކާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހުނުތަން ކަމަށާއި މި ބިލުގެ މުހިއްމު ކަމަކީ އެފަދަ ޖަރީމާތައް އަލުން ތަކުރާރުވިޔަ ނުދިނުންކަމަށް އީވާ ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ސަރުކާރާއި ދައުލަތުގެ ވެރިކަން ކިރިޔާވެސް ދައްކާލަން ކެރުނު މީހަކު ސަރުކާރުގެ ނޭއްގާނީ އަމަލުތަކުގެ ވާޙަކަ ކުރިމަތިލާން ޖެހުނީ ހަމައެކަނި ޖަލަކާ ނޫން. ވަރަށް ގިނަ ފަހަރު ވަޒީފާ ވެސް ގެއްލިގެން ދިޔަ. އަދި ނުވިތާކަށް އެތަށް ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިގެން ދިޔަ.ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ އީވާ ދެއްކެވި ވާހަކައަށް ތާއީދު ކުރައްވާ ގާސިމް ޖަލަށް ލުމުގެ ބަދަލު ލިބެން ޖެހޭކަމަށެވެ. އަދި އޭނާލި ޖަލަށް ލާފައިވަނީ އެއްވެސް ޝަރީއަތެއް ހުކުމެއް ނެތި ކަމަށާއި އެހެންކަމުގެ ގާސިމްގެ ކުށުގެ ރެކޯޑް ސާފުވާން ޖެހޭކަމަށް ވިދާޅުވިއެވެ.
އަށްމަސް ދުވަސް ވަންދެން ހުކުމެއް ނެތި ޝަރީއަތެއް ކުރުމެއް ނެތި އެމީހާޖަލަށް ލާފައި ވަނީ. އެއީ ގާސިމް އަބްދުލްކަރީމް. ގާސިމް އަބްދުލްކަރީމަށް އަޅުގަނޑު ގޮވާލަން އަޅުގަނޑުމެން ކޮމްޕެންޒޭޓް ވެސް ކުރަން ޖެހޭނެ. އޭނާގެ ކުށުގެ ރެކޯޑް ކްލިއަރ ކޮށް ދޭން ޖެހޭނެ، އޭނާ އެކޮށްދެއްވީ އެންމެންގެ ހައްގުގައި ކޮށްދިން ކަމެއް. މިދިޔަ ސަރުކާރުން ހިންގި ވައްކަންތައް ފަޅާ އަރުވާލީ ވަރަށް ބިރުވެރި ނުރައްކާތެރި މާހަވްލެއް އޮއްވާ.މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
އެބިލަށް ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ވިސްލްބްލޯ ގާނޫނަށް ޖިންސީ ފުރައްސާރައިގެ ވަހަކަ ވަކި ޕޮއިންޓެއްގެ ގޮތުގައި ހިމަނަން ޖެހޭ ކަމަށް ފެނިލައްވާ ކަމަށެވެ. އެކި މުއްއައްސަސާތަކުގައި މިހާރު ވެސް ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުމަކީ އާންމު ކަމެއްގެ ގޮތުގައި ކުރާކަމެއް ކަމުގެ މައުލޫމާތު މަޖިލީހުގެ ކޮމިޓީތަކުގައި އެބަހުރި ކަމަށާއި މައްސަލަ ހުށައަޅާ ފަރާތްތަކަށް އެގާނޫނުގެ ތެރެއިން ހިމާޔަތް ލިބެންޖެހޭކަމަށް ފެނިލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކި އެކި ކޮމެޓީތަކުގައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުމަކީ އެއީ އާންމު ކަމެއްގެ ގޮތުގައި އެތައް ބައިވަރު މުވައްސަސާތަކެއްގައި ހިނގަމުންދާ ކަމުގެ މައުލޫމާތު މި މަޖިލީހުގެ ކޮމެޓީ ތަކުގައި މިހާރު ހުންނާނެ. އަޅުގަނޑު އެދެން މި ބިލުގައި ސާފު ކޮށް ބަޔާން ކުރުން، ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުމަކީ އެއީ ވިސްލް ބްލޯ ކުރެވޭނެ ކަމެއްކަމުގައްޔާއި އަދި އެކަން ކުރާ ފަރާތަށް މި ގާނޫނުގެ ތެރެއިން ހިމާޔަތް ލިބެން.ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
އީވާ ހުށައެޅުއްވި އެ ބިލްގައިވާ ގޮތުން ބިލްގައި ވަނީ ވިސްލްބްލޯ ކުރާ ފަރާތުގެ ނަމާއި އެޑްރެހާއި އުމުރާއި އާއިލާއާ ބެހޭ މައުލޫމާތާއި ވަޒީފާ އަދާކުރާ ތަނާއި މަގާމު ފަދަ މައުލޫމާތުތައް ސިއްރު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ހާމަކުރުމަކީ ކުށެއް ކަމަށާއި މި ކުށުގެ އަދަބަކީ ތިން މަސް ދުވަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށް ބިލްގައިވެ އެވެ.
ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ސިއްހަތަށް ނުވަތަ ރައްކާތެރި ކަމަށް ނުރައްކަލެއް އަދި ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކުރުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފަށް ހުރަސް އެޅުމާއި ވަސީލަތެއް ބޭރު ކުރުމާއި ވިސްލްބްލޯ ކުރުމުން ބަދަލު ހިފުން އެބިލުގައި ހިމެނެ އެވެ. ވިސްލްބްލޯ ކުރާ މީހަކަށް ރައްކާތެރިކަން ދިނުމަށް މުއައްސަސާ އަށް ފެނިއްޖެނަމަ، އެ މީހަކަށް ވަކި ގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތަށް އެންގުމުގެ އިހްތިޔާރު މުއައްސަސާއަށް ލިބިގެންވާ ކަމަށް ވެސް ބިލްގައިވެއެވެ.