ނަވާރަ ވަނަ މަޖިލީހުގައި ނަން އިއްވައި ބޭރުކޮށްލި ފުރަތަމަ މެމްބަރަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެވަޑައިގެންފިއެވެ.
މަޖިލީހުގައި ކުރާނެ މަސައްކަތްތައް އިއުލާން ކުރައްވަނިކޮށް ނިޒާމާއި ބެހޭ މައްސަލަ ނަންގަވާ ޖާބިރު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވާ "އިއްޒަތްތެރި މަނިކުފާނު މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންނެވިފަހުން ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވިތޯ" ސުވާލު ކުރައްވާފައެވެ. އެއާއެކު ނަޝީދު ވަނީ އެއީ ނިޒާމާ ބެހޭ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ.
ޖާބިރު މަޖިލީހުގައި އަޑުގަދަ ކުރަން ފެށުމުން ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ނަސޭހަތްތެރިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ނަން އިއްވަން ޖެހިދާނެކަމަށް ވިދާޅުވެ ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވުމުން ނަޝީދު ވަނީ ކޯފާ އިސްކުރައްވާ ޖާބިރު މަޖިލިސް ދޫކުރައްވާ ވަޑައިގެންނެވުމަށް ދެންނަވާފަ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު މިހާ ހެނދުނާ ތިހާ ކޯފާއިސްކުރައްވާ ތި އުޅުއްވާ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނުވިސްނޭ. މިހާރު އަޅުގަނޑު އެދެނީ އިއްޒަތްތެރި މެމްބަރު މަޖިލިސްގެ ތަޅުމުން ދޫކުރައްވާ ވަޑައިގަތުން. ކާށިދޫ ދާއިރާގެ މެމްބަރު ރީތިކޮށް ވަޑައިގަތުން އަޅުގަނޑު ވަރަށް އިހުތިރާމާއެކީ އެދެން. ކޮފީ ތައްޓަކާއެއްޗެހި ހިއްޕަވައިގެން ވަޑައިން.މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ނަން އިއްވުމުން ޖަލްސާ ދޫކުރައްވައި ޖާބިރު ވަނީ ވަޑައިގެންފަ އެވެ.
މަޖިލީހުގެ ގަވައިދުގައިވާގޮތުން މެމްބަރެއްގެ ނަން އިއްވައިފިނަމަ، ޖަލްސާގެ ބާކީ އޮތް ބައިގައި އެ މެމްބަރަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.
ޖާބިރުގެ ނަން އިއްވައި، ބޭރުކޮށްލުމާއެކު އޭނާ ވެފައިވަނީ 19 ވަނަ މަޖިލީހުގައި ނަން އިއްވައި ތަޅުމުން ބޭރުކޮށްލި ފުރަތަމަ މެމްބަރަށެވެ. ނިމުނު 18 ވަނަ މަޖިލީހުގައި އަދި 17 ވަނަ މަޖިލީހުގައިވެސް ގިނަ މެމްބަރުންތަކެއްގެ ނަން އިއްވައި، ތަޅުމުން ބޭރުކޮށްފައިވެއެވެ.