ކެމްޕޭނު ތަކާއި ދިމާކޮށް ކުރިން ޕީޕީއެމް އޮފީސް ހިންގި ހ. ސަކީނާ މަންޒިލް ގައި މޯލްޑިވިއަންގެ ޓްރެވެލް ޑެސްކެއް ބެހެއްޓި ކަމަށް ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑް ( އައީއެސްއެލް) އިން ބުނެފިއެވެ.
އަންގާރަ ދުވަހު ބޭއްވި ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ 14 ވަނަ ބައްދަލުވުމަށް މޯލްޑިވިއަންގެ މެނޭޖްމެންޓުގެ އިސް ބޭފުޅުން ވަނީ ހާޒިރު ކޮށްފައެވެ.
ނިމިގެން ދިޔަ ސަރުކާރުގައި މޯލްޑިވިއަން އަށް ސިޔާސީ ނުފޫޒު ވަދެފައިވަނީ ކިހާ މިންވަރަކަށް ތޯ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ( ދޮން ބިލެތް) ސުވާލު ކުރެއްވުމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، ޕީޕީއެމްގެ ކެމްޕޭނު ހަރަކާތްތަކުގައި މޯލްޑިވިއަންގެ މުވައްޒަފުން ބައިވެރިވާން މަޖުބޫރު ކުރުވާފައިވާ ކަމަށެވެ.
އެ ދުވަސްވަރުގައި ވެސް އެ ކުންފުނީގެ ވަޒީފާ އަދާކުރަމުން ދިޔަ ރިޒްވީ ވިދާޅުވީ، އެކަންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުން ކަމަށެވެ.
ތި މައުލޫމާތު ވަރަށް ސިއްރުކޮށްގެން ގެންގޮސްފައިވީ. އަޅުގަނޑަށް ވެސް ކުންފުނި ތެރޭގައި އެކި ބޭފުޅުން ވާހަކަ ދައްކަވާއިރު ތި ރަނގަޅު ވާހަކައެއް ކަމަށް ވަނީ. އެތާގައި (ޕީޕީއެމް އޮފީސް) ޓްރެވެލް ޑެސްކެއް އިދެފައި އެތާ ތެރޭގައި ސީޓްތައް ބްލޮކް ކުރުމާއި އެކަންތައްތައް އެތާ ތެރެއިން މެސެޖް ޕާސް ކުރަމުން ބޮލްކް ކުރަމުން ވަކި ސިސްޓަމެއްގެ ދަށުން ތިކަންތައް ކުރިޔަށް ގެންދިޔަ.މުހައްމަދު ރިޒްވީ ~ މޯލްޑިވިއަންގެ އެމްޑީ~
މިހާރު މޯލްޑިވިއަން އަށް އެއްވެސް ވަރެއްގެ ސިޔާސީ ނޫފެޒެއް ފޯރުވާތޯ މެމްބަރަކު ސުވާލު ކުރެއްވުމުން ރިޒްވީ ވިދާޅުވީ، މިހާތަނަށް މި ސަރުކާރުގެ ނޫފޫޒެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބ ބައެއް ބޭފުޅުން ރިކުއެސްޓްތައް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި މީހުން ވަޒީފާ ހޯދައިދޭން އަންނަ ރިކުއެސްޓްތައް ވެސް ހިމެނޭ ކަމަށެވެ.
އަޅުގަނޑުމެންނަކީ ވެސް ހަމަ ވަރަށް ޓެކްނިކަން ކުންފުންޏެއް. ހަމަ ސިޔާސީ ބޭފުޅަކު ގުޅައިގެންނެއް އަޅުގަނޑުމެންނަކަށް ޕައިލެޓެއް ހަޔައެއް ނުކުރެވޭނެމުހައްމަދު ރިޒްވީ ~ މޯލްޑިވިއަންގެ އެމްޑީ~
ޕީޕީއެމް އޮފީހުގައި މޯލްޑިވިއަންގެ ޓްރެވެލް ޑެސްކެއް ބެހެއްޓި ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، ރިޔާސީ އިންތިހާބާ ދިމާކޮށް މޯލްޑިވިއަން ފްލައިޓްތަކުގައި ޕީޕީއެމުން ކުރި ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ އެރިއެވެ. އެ ފައިސާތައް ޕީޕީއެމުން ވަނީ ދާދީ ފަހުން ދައްކާފައެވެ.
ނިމިގެން ދިޔަ އާއްމު އިންތިހާބުގެ ދުވަސްވަރު މަޖިލީސް އިންތިހާބުގައި ވާދަކުރެއްވި މެމްބަރުންނަށް މޯލްޑިވިއަނުން ކްރެޑިޓަށް ޓިކެޓް ދީފައިވާ ކަމުގެ ވާހަކަތަކެއް ވެސް ޝޯޝަލް މީޑިއާގައި ދައުރުވިއެވެ. އެހެން ނަމަވެސް މޯލްޑިވިއަނުން ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ.