ދައުލަތުގެ ތަފާތު ތިން މަޝްރޫއަކާއި ގުޅޭ ގޮތުން ލިންކްވާ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ބުނފިއެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމުން ކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ދައުރުވެފައި އޮތް ގޮތް ބަލަމުންދިޔައިރު ރައީސް ޔާމީންގެ އެކައުންޓަށް 1 ލިމިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ޖަމާވެފައި އޮތްކަން އޭސީސީގެ ތަހުގީގުން އޭރު ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މުއައްވިޒު ވިދާޅުވީ އެފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ގޮސްފައި އޮތް ފައިސާއެއް ކަމުން އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެކަން ރައީސް ޔާމީންގެ ސަމާލުކަށް ވެސް ގެނެވިފައިވާ ކަމަށެވެ.
ތަހުގީގު ކުރިއަށް ގެންދިޔައިރު ވަރަށް ބޮޑު ގޮންޖެހުންތަކާއި ދިމާވި ކަމަށާއި ތަހުގީގަށް ރައީސް ޔާމީންގެ ހުރިހާ އެކައުންޓެއްގެ ތަފްސީލް އޭރު ލިބޭގޮތް ނުވިކަމަށް މުއައްވިޒު ވިދާޅުވިއެވެ.
ނަމަވެސް ފަހުގެ މަރުހަލާގައި އިތުރު އެކަންއުންޓް ތަކުގެ ތަފްސީލް ލިބިގެންދިޔަ އިރު ފާހަގަ ކުރެވިގެން ދިޔައީ ރައީސް ޔާމީންގެ އެކައުންޓަށް 100 މިލިއަން ރުފިޔާ ޖަމާވެފައި ހުރިކަން ކަމަށެވެ.
އެކަމާއި ގުޅިގެން އިތުރު ހޯދުންތަކެއް ދިރާސާ ކުރަމުން ދިޔައިރު މިހާތަނަށް ކުރި ތަހުގީގުން ފާހަގަ ކުރެވިފައި ހުރީ ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައި ހުރި ފައިސާގެ ތެރެއިން ނަގުދު ފައިސާގެ ޓްރާންސެކްޝަން ތަކެއް ހިނގާފައި ހުރި ކަމަށެވެ.
އަދި ރާއްޖޭއިން ބޭރުގެ އެކައުންޓްތަކުގައި ހިންގާފައި ހުރި ފައިސާގެ މުއާމަލާތްތަކެއް ހުރި ކަމަށާއި އެ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ހޯދަން ދަތިތަކެއް ހުރި ކަމަށް މުއައްވިޒް ވިދާޅުވިއެވެ.
އެމައްސަލައަކީ މިހާރު ބަލަމުންދާ މައްސަލަ އަކަށް ވާތީ ފަހުން ތަފްސީލްތައް ލިޔުމުން ކޮމިޓީ އާއި ހިއްސާ ކުރައްވާނެ ކަމަށް މުއައްވިޒް ވިދާޅުވިއެވެ.