ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ފުލުހުންތަކެއް މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި އެ މިހާއަށް އަނިޔާ ކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑް ކޮށް އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ނިންމައިފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އޮޕަރޭޝަން ހިންގުމުގެ ތެރޭގައި ތުހުމަތު ކުރެވޭ ބަނގްލަދޭޝް މީހާގެ ގައިގާ ތަޅާ އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެފައިވާތީ އެފަދަ އަމަލުތަކަކީ ދިވެހި ފުލުހުންގެ 'ކޯޑް އޮފް އެތިކްސް' އަދި 'ކޯޑް އޮފް ކޮންޑަކްޓް' އާ ހިލާފު އަމަލުތަކެއް ކަމުން، ތަހުގީގައި ގުޅިގެން ހަތް ފުލުހަކު މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައި ކަމަށާއި މައްސަލަ ބެލުމަށްޓަކައި ޖިނާއީ ތަހުގީގެއް ހިންގުމަށް ހާއްސަ ޓީމެއް އެކުލަވާލާފައިވާނެ ކަމަށެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް އާއި މިނިވަން މުއައްސަސާތަކުން މި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެ އަމަލުތައް ހިންގީ ވަކި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުއައްޒަފުންތަކެއްގެ ފޮޓޯ ޖަހާ، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ ބިރުދައްކަމުންދާތީ، ސައްހަ ނޫން މައުލޫމާތު ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން ބުނީ ހިންގި އެ އޮޕަރޭޝަނުގައި ފުލުހުން ކޮށްފައިވާ އަނިޔާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ މި ހާދިސާއާ ގުޅުންހުރި ފޮޓޯތަކެއް ނޫން ކަމަށާއި ހައްޔަރު ކުރި ދެމީހުން ޑޮކްޓަރަށް ދައްކައި އެ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ފަރާތުން ފުލުހުންގެ ކޯޑް އޮފް އެތިކްސް އާއި ކޯޑް އޮފް ކޮންޑަކްޓް އަދި ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފު ވާފަދަ ކަންކަން ހިނގާ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
5 ޖުލައި ވީ ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 19:35 ހާއިރު ހިންގި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން، މ. އުޖާލާގެ ބަލާ ފާސްކުރިއިރު އެ ގެއިން ހައްޔަރު ކޮށްފައިވަނީ އެ ގެއަށް މަސްތުވާތަކެއްޗާއެކު އައި ބަނގްލަދޭޝް މީހެކެވެ. އަދި އެ ގޭގައި ދިރިއުޅޭ 28 އަހަރުގެ ދިވެހި ފިރިހެނަކު އޭނާ އުޅޭ ކޮޓަރީގެ ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކުރުމުން އޭނާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގައި އުޖާލާގެއިން ގާތްގަނޑަކަށް 461 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.
އަނިޔާ ކުރާ ވީޑިއޯ އާންމު ވުމާއެކު އެ ވީޑިއޯ ނެގިކަމުގެ ތުހުމަތުގައި މި އޮޕަރޭޝަން ހިންގި ފުލުހުން ވަނީ އޮޕަރޭޝަން ހިންގުނު ގޭގެ ކުރިމައްޗަށް ހުރި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ ގެއަށް ވަދެ ވީޑިއޯ ޑިލީޓް ކުރުމަށް ބުނެ އެގޭގެ މީހުންނަށް ބިރު ދައްކާފައެވެ.