ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގެ ކުރިން ބޭކާރު ވަޒީފާތަކެއް އެޗްޑީސީއިން ދީފައިވާ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާރ އަހްމަދު އާތިފް ވިދާޅުވެއްޖެއެވެ.
2016 އިން 2017 ގެ ޕޭރޯލް 47 އިންސައްތަ އިން ބޮޑުވެފައިވުމުން ސްޓޭޓް އޯންޑް އެންޓާރޕްރިޒެސް (އެސްއޯއީ) ކޮމިޓީ ގެ މުގައްރިރު އިލްޔާސް ލަބީބް ވަނީ ހޯމަދުވަހު އެޗްޑިސީގެ މެމްބަރުންނާއި ސުވާލު ކުރައްވާފައެވެ.
އެހާ ބޮޑު އިންސައްތައަކުން މުސާރައަށް ދައްކަންޖެހޭ އަދަދު ބޮޑުވެފައިވަނީ މުވައްޒަފުން އިތުރުވުމުންތޯ ނުވަތަ މުވައްޒަފުންގެ މުސާރަތައް ބޮޑުވުމުންތޯ އިލްޔާސް ވަނީ ހޯމަ ދުވަހުގެ އެޗްޑީސީގެ މެމްބަރުން ހާޒިރު ކުރެވުނު އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ސުވާލު ކުރައްވާފައެވެ.
އިލްޔާސް ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަހްމަދު އާތިފް ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިންގެ ކުރިން ނަގާފައިވާ ގިނަ މުވައްޒަފުންނަކީ އޭރު އެ ކުންފުނި ހިންގުމަށްޓަކައި ކޮންމެހެން ބޭނުންވާ މުވައްޒަފުން ނޫންކަން ފަހުން ހެއްދި ޕާރފޯމަންސް އޮޑިޓަކުން އެނގިގެންދާ ކަމަށެވެ.
އެގޮތުން މުނިސިޕަލް މަސައްކަތްތައް ކުރުމަށް އެތައް މުވައްޒަފުންނަކަށް ވަޒީފާ ދީފައިވާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
" އެއްދުވަހު ވެސް 150 މުވައްޒަފުން ވެއްދިކަން ހަމަ ބައެއް މެމްބަރުން ވެސް ވާނީ ފާހަގަ ކުރައްވާފަ. އެހެން ކަމަށް ވުމާއެކީގަ ކުންފުނީގެ އޮޕަރޭޝަނަލް މެންޑޭޓު އޮތް ގޮތަށް އޮވެފަ މުނިސިޕަލް ގެ ތެރެއަށް މިއައީ އިތުރު ހަރަދު ތަކެއް"އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާރ އަހްމަދް އާތިފް
އެގޮތުން ގިނަ މުވައްޒަފުންނަށް ވަޒީފާ ދީފައިވަނީ ސެކިއުރިޓީ މަސައްކަތަށާއި ކްލީނިންގް ޑިޕާޓްމެންޓުން ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
މުނިސިޕަލް މުވައްޒަފުންގެ ހަރަދުތަކަށް ބަލާއިރު 2017 ގައި 27.8 މިލިއަން އަދި 2018 ގައި 45 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށް ވެސް އާތިފް ގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
އެޗްއާރ ޑިޕާޓްމެންޓްގެ އޮޑިޓެއް ހަދަމުން ދާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
ބޭކާރު ވަޒީފާ ދިނުމުގެ އިތުރުން ބޭކާރު ޕްރޮޖެކްޓްތައް ވެސް ހިންގާފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ. ބިމުގެ ސޭލްތައް ހެދުމަށް ފަހު ލިބުނު ފައިސާތައް އިންވެސްޓް ކުރެވިފައި ހުރީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.