Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 06:14
ޕީއެސްއެމްގެ ކުރީގެ ޑީއެމްޑީ ޝާޔަން ޝާހިދު
ޕީއެސްއެމްގެ ކުރީގެ ޑީއެމްޑީ ޝާޔަން ޝާހިދު
އަވަސް.އެމްވީ
ޕީއެސްއެމްގެ ކޮރަޕްޝަން
ޝާޔަން ހާޒިރުކުރަން ކޯޓު އަމުރަކަށް އެދިއްޖެ، އޭނާ ވިދާޅުވީ ފިލައިގެން ނޫޅޭ ކަމަށް!
ޝާޔަން ހާޒިރުކުރަނީ ޕީއެސްއެމް އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ޚިޔާނާތްތަކުގެ ތަހުގީގަށް
ހިޔާނާތްތަކުގެ މައްސަލަ ތަހުގީގުކޮށްދޭން ހުށަހެޅީ ޕީއެސްއެމްގެ މިހާރުގެ މެނޭޖްމަންޓުން
އޭސީސީން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދިފައިވަނީ ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގަން

ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ކޯޓު އަމުރަކަށް އެދިއްޖެއެވެ.

ޝާޔާން އޭސީސީ އަށް ހާޒިރު ކުރަން ކޯޓު އަމުރަކަށް އެދިފައިވަނީ ޕީއެސްއެމް އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ބޮޑެތި ޚިޔާނާތުގެ މައްސަލައިގަ އެވެ. އެ މައްސަލަ ތަހުގީގު ކޮށްދޭން ހުށަހެޅީ ޕީއެސްއެމްގެ މިހާރުގެ މެނޭޖްމަންޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގައި އޭސީސީން ބުނެފައިވަނީ، ތަހުގީގަށް ހާޒިރުވާން ތަކުރާރުކޮށް އެންގުމުން ވެސް ޕީއެސްއެމްގެ ކުރީގެ ބޯޑުގެ މެމްބަރަކު އެއްބާރުލުން ދެއްވާފައި ނުވާ ކަމަށެވެ.

ޝާޔަން ހާޒިރުކޮށް ދިނުމަށް އޭސީސީން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދިފައިވަނީ ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގުމަށެވެ.

Advertisement

މިކަމާ ގުޅިގެން ޝާޔަން ވިދާޅުވެފައި ވަނީ އޭނާ ފިއްލަވައިގެން ނޫޅުއްވާ ކަމަށާއި ތަހްގީގަށް ހާޒިރުވާން އެންގުމުން ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އޭސީސީން އެންމެ ފަހުން ގުޅީ އޭޕްރީލް މަހުގެ ތެރޭގައި، އޭގެ ފަހުން ގުޅާފައެއް ނެތް. ހާޒިރުވާން އަންގާފައެއް ވެސް ނުވޭ،" ޝާޔަން އަވަސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

އަޅުގަނޑު މިއީ ފިލައިގެން އުޅޭ މީހެއް ނޫން. އަޅުގަނޑާކުރާ ސުވާލުތަކަށް ޖަވާބު ދޭން ތައްޔާރު. އެއީ ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ނަމަވެސް އަޅުގަނޑުގެ އެއްބާރުލުން އޮންނާނެ."

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީއެސްއެމް އިން ހިންގި ބައެއް މަޝްރޫތަކުގައި ހުރި ކޮރަޕްޝަނަށް ތުހްމަތުކުރޭ މައްސަލަތައް އޭސީސީ އަށް ހުށަހަޅާފައިވާތާ ފަސް މަސް ދުވަސް ވަނީ ވެފަ އެވެ.

އޭސީސީ އަށް ބޭނުންވާ ތަހުޤީޤީ ލިޔެކިޔުންތައް ގުޅުން ހުރި ޑިޕާރޓްމަންޓްތަކުން ހޯދޭނެ އިންތިޒާމް ޕީއެސްއެމް އިން ހަމަޖައްސާފައިވާނެ ކަމަށާއި، ކަމާ ގުޅޭ މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާރޑްޑިސްކްތަކާއި، އީމެއިލް މުއާމަލާތްތައް ވެސް އޭސީސީގެ ތަހުގީގުގެ ބޭނުމަށް ފޯރުކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި ޕީއެސްއެމް ކޮރަޕްޝަންގެ ހާއްޔަކަށް ވެގެން ދިޔަކަމަށް ތުހްމަތުކުރެވުނު ނަމަވެސް، އެ މައްސަލަތައް އޭރު އޭސީސީން ބަލައި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އޭސީސީން ބަލަމުން ދިޔަ މައްސަލަތައް ވެސް ހަލުއިވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ފަހުންނެވެ.

Advertisement

Advertisement
- ކޮމެންޓް