ސިވިލް ސަރވިސް ކޮމިޝަންގެ ރައީސަށް އެނގިވަޑައިނުގެން މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުން ވަނީ ހާޒިރު ކޮށްފައެވެ. ކޮމިޓީގެ ފުރަތަމަ ދޮޅު ގަޑިއިރު ކުރިއަށް ގެންދިޔައީ މީޑިއާ އަށް ހުޅުވާލައިގެންނެވެ.
ނަމަވެސް ކޮމިޝަން ތެރޭގައި ހުރި ބައެއް މައްސަލަތައް ކުރިޔަށް ގެންދަން ބޭނުންވަނީ ''ކްލޯޒް'' ޝެޝަންއެއް ގޮތުގައި ކަމަށް ކޮމިޝަންގެ ރައީސް އެދިފައިވާތީ ބައެއް މައުލޫމާތުތައް ހާމަ ކުރެއްވުމަށް ފަހު ކޮމިޓީ ސިއްރު ކުރިއެވެ.
އެ ކޮމިޓީގައި ހިމެނވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، މުވައްޒަފަކު ވަކިކުރުމަށް އިދާރާއަކުން ނިންމި ނަމަވެސް އެކަން ކުރިޔަށް ގެންދަނީ ސީއެސްސީން އެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ. އެހެން ނަމަވެސް ނިމިގެން ދިޔަ ދެ އަހަރު ތެރޭގައި ހަތް މުވައްޒަފަކު ވަކިކޮށްފައިވާއިރު އޭނާ އަށް ނޭނގި ބައެއް މެމްބަރުން ވަކިކުރި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި ކޮމިޝަން ހިނގަމުންދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބައެއް ފަހަރު މުވައްޒަފުން ވަކިވެގެން ދާއިރު ކޮމިޝަންގެ ރައީސަށް ނޭނގިވެސް އެބަހުރި ވަކިވެގެން ގޮސްފައި. އެކަމަކު އަލުން އަނބުރާ ހުށައަޅާއިރު އަޅުގަނޑަށް އޭގެ ކުރިއެރުމެއް ނުލިބި ގޮސްފައިވޭޑރ. އަލީ ޝަމީމް ~ ސީއެސްސީގެ ރައީސް ~
ޝަމީމް ވިދާޅުވީ، ކޮމިޝަނުން ވަކިކުރާ މުވައްޒަފުންގެ ހައްގު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލް އަށް ގޮސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަދި ދޭދޭ މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތެއް ނުގެންގުޅޭ ކަމަށާއި، އަބަދުވެސް ބަލަނީ ތަފާތު ކުރުމެއް ނެތި ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއި އެކު އަމަލު ކުރުމަށް ކަމަށް ވިދާޅުވިއެވެ.
ކޮމިޝަންގެ އެއްވެސް މެމްބަރަކަށް ސިޔާސީ ގޮތުން އެއްވެސް ނުފޫޒެއް ފޯރާފައިވޭތޯ ގަމު ދާއިރާގެ މެމްބަރު މެމްބަރު މުހައްމަދު ވިސާމް ވަކި ވަކިން ސުވާލު ކުރުމުން ހުރިހާ މެމްބަރުންވެސް ވިދާޅުވީ، އެމީހުންނަށް އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް އެއްވެސް އިރެއްގައި ފޯރާފައިނުވާ ކަމަށާއި، އަބަދުވެސް މަސައްކަތް ކޮށްފައިވަނީ ކޮމިޝަންގެ ގާނޫނާއި ގަވާއިދު އިމުގެ ތެރެއިން ކަމަށެވެ.