Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 14:04
ހުކުރު މިސްކިތާއި، އެ މިސްކިތުގެ މުންނާރު
ހުކުރު މިސްކިތާއި، އެ މިސްކިތުގެ މުންނާރު
މިހާރު
މަޖިލިސް 19
ސަގާފީ ތަރިކައިގެ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް
އުފުލޭ ތަރިކައާއި، މައުނަވީ ތަރިކައާއި ސަގާފީ ސަރަހައްދުތައް ކަނޑައަޅަން ބިލުގައި ހިމަނާފައިވޭ
ސަގާފީ ތަރިކަ ރައްކާތެރިކުރަން އުފައްދާނީ އެޖެންސީއަކާއި ހެރިޓޭޖް ޓްރަސްޓް ފަންޑެއް
ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 76 މެމްބަރުން ވަނީ ވޯޓް ދެއްވާފައި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

މި ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 76 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ބިލް މަޖިލީހަށް ބަލައިގަތުމުން، ބިލް އިތުރަށް ދިރާސާކުރަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

Advertisement

ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲއެވެ.

"ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" ގެ ނަންދެވިފައިވާ ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ސަގާފީ ތަރިކަތައް ކަނޑައެޅުމާއި، ކަމާގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމުގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުން ހިމެނެއެވެ. އަދި މި ތަރިކަތަކާއި ބެހޭ ދިރާސާތައް ކުރުމާއި ތަރިކަތައް ބެލެހެއްޓުމާއި ގުޅޭ ހުރިހާ އުސޫލެއް ކަނޑައެޅުން ވެސް މި ބިލުގައި ހިމެނެއެވެ.

ސަގާފީ ތަރިކައިގެ ހިމެނޭ ބާވަތްތަކުގެ ތަރިކަ

ބިލުގައި ސަގާފީ ތަރިކައިގެ ބާވަތްތަކުގެ ތެރޭގައި އުފުލޭ ސަގާފީ ތަރިކަ އާއި ސަގާފީ ސަރަހައްދުތައް އަދި މައުނަވީ ސަގާފީ ތަރިކަ ހިމަނާފައިވެއެވެ. އުފުލޭ ސަގާފީ ތަރިކަތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން ނެގޭ ހުރިހާ އާސާރީ ތަރިކައާއި، ލިޔެކިޔުންތަކާއި، ތަސްވީރުތަކާއި ކުރެހުންތަކުގެ އިތުރުން މާޒީގެ އެކި ދައުރުތަކަށް ނިސްބަތްވާ ތަކެތި ހިމަނާފައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ހާދިސާތަކާއި ތާރީހުގައި ނަންލިޔެވިފައިވާ ފަރާތްތަކުން ހިފާ ގެންގުޅުނު ތަކެތި ވެސް ހިމެނެއެވެ. އުފުލޭ ސަގާފީ ތަރިކައިގެ ހުންނަން ޖެހޭ ޝަރުތުތަކަކީ މަދުވެގެން ސަތޭކަ އަހަރުވުން ނުވަތަ ފާހަގަކޮށްލެވޭ ވަރުގެ ސަގާފީ އަގެއް ހުންނަ އެއްޗަކަށް ވުމެވެ.

ސަގާފީ ސަރަހައްދުތަކުގެ ގޮތުގައި ބިލުގައި މާނަކޮށްފައިވަނީ އާސާރީ ބިނާތަކާއި އިމާރާތްތަކާއި އާކިއޮލޮޖިކަލް ސައިޓްތައް ހިމެނެއެވެ. އަދި ހަމަ ގުދުރަތީ އަސަރުގެ ސަބަބުން ފާހަގަކޮށްލެވޭ ސަރަހައްދުތައް ވެސް ބިލުގައި ހިމަނާފައިވަނީ ސަގާފީ ސަރަހައްދުތަކެގެ ގޮތުގައެވެ. ތަރިކައިގެ ގޮތުގައި ބެލޭ އިމާރާތްތައް ވާން ޖެހެނީ 1950 ވަނަ އަހަރުގެ ކުރިން އިމާރާތްކުރެވުނު ސަގާފީ އަގެއް ހުރި އިމާރާތަކަށް ވުން މުހިންމެވެ. ނަމަވެސް އޭގެ ފަހުން އެޅި އިމާރާތެއް ކަމުގައިވީ ނަމަވެސް އެތަނެއްގެ ސަގާފީ އަގަށް ބެލުމަށް ފަހު ސަގާފީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ހިމަނާފައިވެއެވެ.

މައުނަވީ ސަގާފީ ތަރިކައިގެ ތެރޭގައި ހިމަނާފައިވަނީ ތާރީހީ އާދަކާދަތަކާއި އިލްމާއި ހުނަރެވެ. މީގެ ތެރޭގައި ކުޅިވަރާއި ތަމްސީލާއި ނެށުމާއި ފަންނީ މަސައްކަތްތެރިކަމާއި ދީނީ އާދަކާދައާއި ގުޅުން ހުރި ކަންކަން ހިމެނެއެވެ. މައުނަވީ ސަގާފީ ތަރިކަތަކަކީ ކޮބައި ކަން ކަނޑައަޅާނީ ތަރިކަ ރައްކާތެރިކުރުމަށް އުފައްދާ އެޖެންސީންނެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލުމުގެ ކުރިން -- ފޮޓޯ: ރާއްޖެ.އެމްވީ

ހެރިޓޭޖް ޓްރަސްޓް ފަންޑަކާއި ތަރިކަ ރައްކާތެރިކުރާ އެޖެންސީއެއް އުފެއްދުން

ބިލުގައި ހިމަނާފައިވާ ކަންކަމާއި ގުޅޭ އުސޫލުތައް ކަނޑައަޅުމުގެ މައްސޫލިއްޔަތު މިނިސްޓްރީ އޮފް އާޓްސް، ހެރިޓޭޖް އެންޑް ކަލްޗަރއިން މަތިކޮށްފައިވާ އިރު، އެ މިނިސްޓްރީން ސަގާފީ ތަރިކަ ރައްކާތެރިކުރާ އެޖެންސީގެ ނަމުގައި އިދާރާއެއް ވެސް އުފައްދަން ޖެހެއެވެ. މި އެޖެންސީއަކީ ތަރިކައިގެ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމާއި، ތަރިކައަކަށް ކަނޑައެޅުމުގެ ޝަރުތު ކަނޑައެޅުމާއި، ތަރިކައަށް ގެއްލުންދޭ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ އިތުރުން ތަރިކަތަކާއި ބެހޭ ދިރާސާ ކުރުމުގެ މައްސޫލިއްޔަތު އުފުލަންޖެހޭ އިދާރާއެވެ.

މި އެޖެންސީގެ ދަށުން ހިންގާ ހެރިޓޭޖް ޓްރަސްޓް ފަންޑަކީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ހަރަދުކުރަން ގާއިމްކުރާ ފަންޑެކެވެ. މި ފަންޑަށް އާމްދަނީ ހޯދަން ތާރީހީ ބިނާތަކަން ވަންނަން ނަގާ ފައިސާއާއި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ ވަނީ ހިމަނާފައެވެ. ތަރިކަ އެޖެންސީއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކުގެ ފައިސާ ވެސް ލިބެނީ މި ފަންޑަށެވެ.

އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނު

ތަރިކަ ރައްކާތެރި ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް

ދިވެހިރާއްޖޭގެ ތާރީހީ ތަރިކަ ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާއިރު، މި ބިލުގެ ސަބަބުން ލިބިދޭ ގާނޫނީ ބާރުވެރިކަމުގެ ދަށުން ތަރިކަ ރައްކާތެރިކުރަން އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެން ދާނެއެވެ. އަދި ހަމައެކަނި ހިފާ ގެންގުޅެވޭ ތަކެއްޗާއި ސަރަހައްދުތަކުގެ އިތުރުން އާދަކާދަތަކާއި ފަންނުވެރި މަސައްކަތްތައް ވެސް ތަރިކައިގެ ގޮތުގައި ބަލައިގަތުމާއި ގުޅިގެން ނެތެމުންދާ ދިވެހިންގެ ބައެއް ހުނަރުތަކާއި ފަންނު އާލާކުރަން ވެސް ލިބޭ ހިތްވަރަކަށް ވެގެން ދާނެއެވެ.

މި ބިލުގެ ތެރެއިން ތަރިކައިގެ ގޮތުގައި ބެލެވޭ ތަކެއްޗާއި ތަންތަނަށް އިހުމާލުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅޭނޭ މަގުފަހި ވެގެން ދިޔުމަކީ ވެސް ތަރިކަ ރައްކާތެރިކުރުމަށް ކުރެވޭނެ އަގުހުރި މަސައްކަތެކެވެ. އަދި ރާއްޖޭގެ އެއްވެސް ތަރިކައެއް ޔުނެސްކޯގެ ހެރިޓޭޖް ލިސްޓުގައި ނުހިމެނޭއިރު، މި ބިލުން ފޯރުކޮށްދޭ ރައްކާތެރިކަމުން އެކަން ކުރަން ވެސް މަގުފަހިވެގެން ދާނެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރުތައް ހިމެނޭ ތަންތަނާއި، ތާރީހާއި ގުޅިފައިވާ ތަކެތި ހިމާޔަތްކޮށް، ސަގާފީ ތަރިކައިގެ ލިސްޓެއް އެކުލަވާލުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް